އދ. މަހިބަދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ މަހިބަދޫ ޒުވާނުންގެ 19 ވަނަ ފުޓްބޯޅަ މުބާރާތުގައި ފަހު ވަގުތު އެންޓީ ޔުނައިޓެޑް އަތުން ބަލިވެ އެސްއެސްއެފްސީއަށް ސެމީ ފައިނަލުގެ އުއްމީދު ގެއްލިއްޖެއެވެ.
އެސްއެސްއެފްސީ އާއި އެންޓީ ޔުނައިޓެޑް ވާދަކުރި މެޗު އެންޓީން ކާމިޔާބުކުރީ 90 މިނެޓު ހަމަވެގެން ދެއްކި އިތުރު ވަގުތުކޮޅުގެ ތެރޭގައި ޚަލީލް ކާމިޔާބު ކޮށްދިން ލަނޑާއިއެކު 2-1ގެ ނަތީޖާއަކުންނެވެ.
މި މެޗަށް ނިކުތްއިރު އެސްއެސްއެފްސީއަށް މެޗުން މޮޅުވެގެން ސެމީގެ ޖާގައަކަށް ފައިޓް ކުރުމުގެ ފުރުސަތު އޮތެވެ. މި މެޗުގެ ފުރަތަމަ ކޮޅުގައި އެންޓީގެ ފަރާތުން ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ. އެގޮތުން ފުރަތަމަ ހާފުގައި އެޓީމަށް އެސްއެސްއެފްސީގެ ގޯލަށް ނުރައްކާކޮށް ފޮނުވާލެވުނީ އެންމެ ދެ ހަމަލާއެވެ. އެއާއި ޚިލާފަށް އެސްއެސްއެފްސީން ވަނީ ގިނަ ވަގުތު ބޯޅަ ހިފަހަށްޓައި ރަނގަޅު ފުރުސަތު ތަކެއް ތަނަވަސްކޮށްފައެވެ.
ދެވަނަ ހާފު ފެށިގެންވެސް އެސްއެސްއެފްސީން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީވެސް އެޓީމުންނެވެ. މިލަނޑުގެ މެޗުގެ 73ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އިބްރާހިމް ވަހީދު ހަސަންއެވެ. ނަމަވެސް އެސްއެސްއެފްސީއަށް ލީޑުގައި ހިފަހައްޓާލެވުނީ އެންމެ ދެމިނެޓުއެވެ. އެގޮތުން 75 ވަނަ މިނެޓުގައި އެންޓީއަށް ލިބުނު ކޯނަރަކުން ނަތީޖާ ހަމަހަމަ ކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ޚަލީލް ގަމާލް އެލްބަޒާވީއެވެ.
އެންޓީން އެސްއެސްއެފްސީގެ އުންމީދުތަށް ފެނައްދުއްވާލީ މެޗު އެއްވަރުވާން ދަނިކޮށް، 90 މިނެޓު ހަމަވެގެން ދެއްކި އިތުރުވަގުތުގެ 5 ވަނަ މިނެޓުގައެވެ. މިލަނޑިވެސް އެންޓީއަށް ކާމިޔާބު ކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާ ޚަލީލް ގަމާލް އެލްބަޒާވީއެވެ.
މި ނަތީޖާއާއެކު އެންޓީ ޔުނައިޓެޑުން ވަނީ 6 ޕޮއިންޓާއިއެކު ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ.