ދަރަނީގެ މައްސަލަތައް ނިންމާނެކަމުގެ ޔަގީންކަން އެފްއޭއެމުން ދީފައިވާ ކަމަށާއި، މި ހުރިހާ ކަމަކާ މެދު ސަރުކާރުން ނަގަން ޖެހެނީ ކޮންފިޔަވަޅެއްތޯ ބަލައި މަޝްވަރާކުރަމުންދާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް މިހާރު ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަތަކުގައި މިނިސްޓްރީން ޒިންމާވާން ޖެހޭ ކަމެއް ނޯންނާނެ ކަމަށެވެ.
އަދި މިނިސްޓްރީން ދީފައި އޮތް ޔަގީންކަމަކަށް ބަލައިގެން، އެފްއޭއެމުން ބަޔަކަށް ލާރި ނުދެވި ނޯންނާނެ ކަމަށާއި މިހާރު އޮތް މައްސަލަތަކަކީ އެފްއޭއެމް އިން އަމިއްލަ އަށް ޒިންމާވެގެން ނިންމަން ޖެހޭ ކަންތައްތަކެއް ކަމަށް މަހުލޫފް ވިދާޅުވި އެވެ. އެގޮތުން ހަދަންޖެހޭ ޕޭމަންޓްތަކެއް ނުހެދިގެން އުޅޭ މައްސަލައަކީ އެއް މައްސަލަ ކަމަށާއި ޤައުމީ އެސޯސިއޭޝަންތަކަކީ އެ ބަޔަކު އަމިއްލަ އަށް ދަރަންޏަށް ޒިންމާވާ ގޮތަށް އުފެދިފައިވާ ތަންތަން ކަމުން ޔޫތު މިނިސްޓްރީގެ ޒިންމާއެއް އޭގައި ނެތް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެފްއޭއެމްގެ މާލީ ބޮޑު އަނދަވަޅަކަށް ވެއްޓިފައިވާއިރު، ކުރެއްދޫ ރިސޯޓްގައި މިދިޔަ އަހަރު ކުޅުނު 1.2 މިލިއަން ރުފިޔާގެ އަގުބޮޑު ފުޓްބޯޅަ މެޗުން މޮޅުވުމުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ލިބުނު ފައިސާ ހަވާޅު ނުކުރާ މައްސަލަ ވަނީ ފެންމަތިވެފައެވެ.
އެފްއޭއެމްގެ މާލީ މުއާމަލާތްތަކެއްގެ މައްސަލަތަކެއް ކޯޓުގައި ވެސް ކުރިއަށްދަމުން އަންނައިރު، ކޯޓުން ވަނީ ހުކުމް ވެސް ކޮށްފަ އެވެ. އެ ގޮތުން ދާދި ފަހުން ސިވިލް ކޯޓުން ވަނީ އޭޑީކޭ ހޮސްޕިޓަލަށް 1.7 މިލިއަން ރުފިޔާ ދައްކަން އެފްއޭއެމަށް އަންގައިފަ އެވެ.