މިދިޔަ އަހަރު ފާސްކުރި އެއް ޓްރިލިއަން އެމެރިކާ ޑޮލަރުގެ އުމްރާނީ ތަރައްގީގެ ޕްލޭންގައި 185 ބިލިއަން އެމެރިކާ ޑޮލަރުގެ ފައިސާ ހިމެނޭއިރު، އަންނަ އަހަރު އިތުރު 185 ބިލިއަން އެމެރިކާ ޑޮލަރު އުމްރާނީ ތަރައްގީއަށް ހޭދަކުރާނެކަމަށް އެމެރިކާ ސަރުކާރުން އަންގާރަ ދުވަހު ބުނެފިއެވެ.
އުމްރާނީ ތަރައްގީއަށް ހޭދަކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ބިލެއްގައި ސޮއިކުރެއްވިތާ އެއް އަހަރު އަންގާރަ ދުވަހު ފުރޭނެއެވެ.
މި ފައިސާ ހޭދަކުރުމަށް ހަމަޖެހިފައި ވަނީ ސްޓޭޓް އަދި ލޯކަލް ސަރަހައްދުތަކުގައި ބްރިޖްތަކާއި މަގުތައް ރަނގަޅުކޮށް އެނޫންވެސް އެފަދަ ކަންތައްތަކަށެވެ. މީގެއިތުރުން އެމެރިކާގެ އެތައް ބިލިއަން ބަޔަކަށް އިންޓަރނެޓް ބްރޯޑްބޭންޑުގެ ހިދުމަތް ދިނުމުގެ މަސައްކަތްވެސް މި ބިލުގެ ދަށުން ކުރާނެއެވެ.
ނޭޝަނަލް އިކޮނޮމިކް ކައުންސިލްގެ ޑިރެކްޓަރު ބްރަޔަން ޑީސް ވިދާޅުވި ގޮތުގައި އިންފްރާސްޓްރަކްޗަރ އާއި އިންފްލޭޝަން ދަށްކުރުމުގެ ގާނޫނާއި އެތެރޭގައި ސެމީކޮންޑަކްޓަރު އުފެއްދުމަށް ފަންޑުކުރާ ގާނޫނަކުން ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައި ގާތްގަނޑަކަށް 3.5 ޓްރިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓެއް ލިބޭނެއެވެ.
ޑީސް ވިދާޅުވީ މި ފަންޑުގެ ސަބަބުން ދުނިޔޭގެ އެހެން ގައުމުތަކަށް ވުރެ ރަނގަޅު ހާލަތަކަށް އެމެރިކާ އައިސް، އަމިއްލަ އިންވެސްޓްމަންޓްތައް ކުރުމުގެ ބިންގާ އެޅޭނެކަމަށެވެ. އަދި ދުނިޔޭގެ ބޮޑެތި އިގްތިސާދީ ގޮންޖެހުންތަކާއި ކުރިމަތިލުމަށް އެމެރިކާ ތައްޔާރުވާނެކަމަށްވެސް ޑީސް ވިދާޅުވިއެވެ.
މި ފަންޑާއިހެދި މިހާރުވެސް %8 އާއި ގާތްކުރާ މިންވަރަށް އިންފްލޭޝަން މަތިވެފައިވާ އެމެރިކާގެ އިންފްލޭޝަން އިތުރަށް މަތިވާނެ ކަމަށް ބުނެ ރިޕަބްލިކަން ޕާޓީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް ޑީސް ވަނީ މިކަން ދޮގުކޮށްފައެވެ. ޑީސް ވިދާޅުވިގޮތުގައި ޑިޖިޓަލް އިގްތިސާދާއި ދަތުރުފަތުރާއި އެހެނިހެން ސިނާއީ ދާއިރާތަކަށް ކުރާ އިންވެސްޓްމަންޓްތަކުގެ ސަބަބުން ވަޒީފާގެ ބާޒާރު ރަގަޅުވެ، ސަޕްލައި ޗޭންގެ ޕްރެޝަރު ކުޑަވެ، ދިގު މުއްދަތުގައި ހަރަދު ކުޑަވާނެއެވެ.
އެ ގާނޫނު ތަންފީޒު ކުރުން ބަލަހައްޓަވާ ނިއު އޯލީންސްގެ ކުރީގެ މޭޔަރު މިޗް ލާންޑްރޫ ވިދާޅުވީ ބައިޑަންގެ ވެރިކަމުގައި 50 ސްޓޭޓާއި ވޮޝިންޓަން ޑީސީ އަދި އެމެރިކާގެ ސަރަހައްދުތަކުގެ 4،000 އަށް ވުރެ ގިނަ ކޮމިއުނިޓީއަށް ގާތްގަނޑަކަށް 7000 މަޝްރޫއު އިއުލާންކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ގާނޫނު ތަންފީޒު ކުރުމަށް ފެޑެރަލް ސަރުކާރުން 3500 އަށް ވުރެ ގިނަ މަސައްކަތްތެރިން ހޯދާފައިވާ ކަމަށާއި މިހާރު ވެސް 2800 ބްރިޖް މަރާމާތުކޮށް ބަދަލުކުރުމާއި 5000 އާ ކްލީން ޓްރާންސިޓް އަދި ސްކޫލް ބަސް ހޯދުމަށް ފައިސާ ހޯދަމުންދާ ކަމަށެވެ. ނަމަވެސް އަދި މިއީ ފެށުމެއް ކަމަށާއި މިހާރާއި އަހަރު ނިމުމާއި ދެމެދު އިތުރު ބޮޑެތި މަޝްރޫއުތަކެއް ފަށާނެ ކަމަށްވެސް ލެންޑްރޫ ވިދާޅުވިއެވެ.