ކުޅިވަރު

ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުޅުން ފަށައިފި


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުޅުން ފަށައިފިއެވެ.

އަންގާރަ ދުވަހު މި މުބާރާތުގެ ކުޅުން ފެށިއިރު، ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ އަނަކީ ސްޕޯޓްސް ކުލަބާއި ޔޫއެން ފްރެންޑްސްއެވެ. މި މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އަނަކީ ސްޕޯޓްސް ކުލަބުންނެވެ. މެޗުގެ 16 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަޙްމަދު މަސްއޫދެވެ. އެކަމަކު މެޗުގެ 30 ވަނަ މިނެޓުގައި ޔޫއެން ފްރެންޑްސް އިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިބްރާހީމް އިމްރާހްއެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ޔޫއެން ފްރެންޑްސްއިން ވަނީ ދެ ލަނޑުގެ ލީޑެއް ނަގައިފައެވެ. މި ލަނޑުތައް އެ ޓީމަށް ކާމިޔާބު ކޮށްދިނީ އުސާމް އަބްދުﷲ އާއި، އިމްރާޙްއެވެ. އެކަމަކު މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި އަނަކީ ސްޕޯޓްސް ކުލަބުން ވަނި ދެ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑުތައް އެ ޓީމަށް ޖަހައިދިނީ މުޙައްމަދު ޖިނާޙް އަދި އަލީ އަޙްސަންއެވެ.

މީގެ އިތުރުން އަންގާރަ ދުވަހުގެރޭ ވެސް މި މުބާރާތުގެ މެޗެއް ކުޅުނެވެ. މަސްއޮޑި ސްޕޯޓްސް ކުލަބުން އިވްވިކޯ ސްޕޯޓްސް ކުލަބް ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ.

ވަރުގަދަ ސްކޮޑަކާއެކު މި މުބާރާތައް ނުކުތް މަސްއޮޑީގެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ޝިފާޒް އާދިލް (މަޓާ) އާއި، އަބްދުﷲ މުއާޒް، ސައިފް ހަސަން އަދި ހަސަން ލަމްއާން އަޙްމަދެވެ.

މި މުބާރާތުގައި ބުދަ ދުވަހު ވެސް ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ނުކުންނާނީ ސްޕޯޓްސް ކުލަބް ރިވަލްސާ އާއި، ހިރިޔާއެވެ. އަދި ދެވަނަ މެޗުގައި ސެންޓްސް ސްޕޯޓްސް ކުލަބާއި ދެކޮޅަށް ނުކުންނާނީ ހުޅުމާލެ ޔޫތު ކުލަބެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ބުރު ސްޕޯޓްސް ކުލަބެވެ. ބުރުން ވަނީ ދެވަނަ ޑިވިޝަން ކާމިޔާބުކޮށް އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދާފައެވެ.