ކުޅިވަރު

ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް: ސިފައިންގެ ކުލަބާއި އީގަލްސް ސެމީއަށް


މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "ލިޓަސް ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް 2022" ގެ ޓީމު އިވެންޓުގެ ސެމީ ފައިނަލަށް ދިވެހި ސިފައިންގެ ކުލަބާއި އެންމެ ފަހުގެ ޗެމްޕިއަން ކުލަބު އީގަލްސް ދަތުރުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ޓީމު އިވެންޓުގައި މި ފަހަރު ފަސް ކުލަބެއް ވާދަކުރެއެވެ. އެއީ މިދިޔަ އަހަރުގެ ޗެމްޕިއަން ކުލަބު އީގަލްސް އާއި، ކަސްޓަމްސް ރެކްރިއޭޝަން ކުލަބާއި، އައިލޭންޑާސް ހޯޕް ސްޕޯޓްސް ކުލަބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ދިވެހި ސިފައިންގެ ކުލަބެވެ.

ގައުމީ ބިލިއާޑް ސެންޓަރުގައި ކުރިއަށްދާ މި މުބާރާތުގެ ޓީމު އިވެންޓުގެ ގުރޫޕް ސްޓޭޖުގެ ފަހު ދެ މެޗު އަންގާރަ ދުވަހުގެރޭ ކުޅުނުއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ ސިފައިންގެ ކުލަބާއި ކަސްޓަމްސްއެވެ. މި މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސިފައިންގެ ކުލަބުންނެވެ. ދެވަނަ މެޗުގައި އީގަލްސް އާއި އައިލެންޑާސް ހޯޕް ސްޕޯޓްސް ކުލަބު ބައްދަލުކުރިއިރު، ކަސްޓަމްއިން މެޗު ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.

އެއާއެކު ލީގު އުސޫލުން ކުޅެވޭ ޓީމް އިވެންޓުގެ ތާވަލުގެ އޮތީ ސިފައިންގެ ކުލަބެވެ. އަދި ދެވަނައިގައި އޮތީ އީގަލްސްއެވެ. ތިންވަނަ ކަސްޓަމްސްއިން ހޯދިއިރު، ހަތަރުވަނައިގައި އޮތީ މާޒިޔާއެވެ.

އެހެންކަމުން މުބާރާތުގެ ފުރަތަމަ ސެމީގައި ބައްދަލުކުރާނީ ސިފައިންގެ ކުލަބާއި އީގަލްސްއެވެ. އަދި ނޮކްއައުޓް މެޗުގައި ކަސްޓަމްސް އާއި މާޒިޔާ ބައްދަލުކުރާއިރު، ދެވަނަ ސެމީގައި ބައްދަލުކުރާނީ ފުރަތަމަ ސެމީގެ މެޗުން ބަލިވާ ޓީމަކާއި ނޮކްއައުޓް މެޗު ކާމިޔާބުކުރާ ޓީމެވެ.

އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ގައުމީ ބިލިއާޑް މުބާރާތުގައި ހަ އިވެންޓެއް ކުރިއަށްދާއިރު، މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ މުޙައްމަދު ސާހިލް ހަމީދެވެ. އަދި ފިރިހެން ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން އިސްމާއީލް ޝިޔާމު ހޯދިއިރު، އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ އާއިޝަތު އަލީއެވެ. މުބާރާތުގެ ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހަސަން ޝާޒް މުޙައްމަދާއި އަޙްމަދު އިޔާދު ސައީދުގެ ޕެއާއިން ހޯދިއިރު، މިކްސް ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އަލީ ފަޔާޒް އާއި ދީނާ އަޙްމަދުގެ ޕެއާއިންނެވެ.