ޚަބަރު

ގެދޮރުވެރިޔާ ސްކީމުން ލޯނުގެގޮތުގައި މިހާތަނަށް 44.8 މިލިއަން ރުފިޔާ


އަތޮޅުތަކުގެ ރަށްރަށުގައި ދިރިއުޅޭ މީހުން ގެދޮރު އިމާރާތްކުރުމަށާއި ގެދޮރު މަރާމާތުކުރުމަށް ސަރުކާރުން ހުޅުވާލާފައިވާ "ގެދޮރުވެރިޔާ ލޯނު ސްކީމް"އިން މިހާތަނަށް ލޯނުގެގޮތުގައި 44 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިއެވެ. ގެދޮރުވެރިޔާ ލޯނު ސްކީމްއަކީ %6 އިންޓްރެސްޓް ރޭޓާއެކު ދޫކުރާ ލޯނެކެވެ.

އަތޮޅުތަކުގެ ރަށްރަށުގައި ދިރިއުޅޭ މީހުން ގެދޮރު ބިނާކުރުމަށާއި ގެދޮރު މަރާމާތު ކުރުމަށް "ގެދޮރުވެރިޔާ ލޯނު ސްކީމް" އިފްތިތާޙްކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ 14 ވަނަ ދުވަހުގައެވެ. މިއީ އަތޮޅުތަކުގެ ރައްޔިތުން އެމީހަކު ދިރިއުޅޭ ރަށެއްގައި ވަޒަންވެރިވެ، ދިރިއުޅޭވެނެގޮތް ހައްދަވައިދެއްވުމަށް ސަރުކަރުން ތަޢާރަފްކުރައްވާފައިވާ ލޯނު ސްކީމެކެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗރއާއި، އެޗް.ޑީ.އެފް.ސީއާ ގުޅިގެން ހިންގާ މިސްކީމްގައި ލޯނަށް އެދޭ މީހާގެ ނަމުގައި ބިމެއް ރަޖިސްޓްރީ ކުރެވިފައި އޮންނަން ޖެހެއެވެ. ލޯނު ދިނުމުގައި އިސްކަންދެނީ ކައިވެނި ކޮށްގެން އުޅޭ މީހުންނާއި އެކަނި ދަރިން ގޮވައިގެން އުޅޭ މީހުންނަށެވެ.

ސަރުކާރުން ވިދާޅުވީ، މިހާތަނަށް މި ލޯނަށް އެދި ހުށައެޅި މީހުންގެ ތެރެއިން 171 މީހަކަށް ލޯނު ދޫކޮށްފައިވާކަމަށެވެ. އަދި ލޯނުގެ ގޮތުގައި ޖުމުލަ 44.8 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

މިސްކީމްގެ ދަށުން ލޯނުގެ ގޮތުގައި ދޫކުރާނީ މަޝްރޫއުގެ ޖުމުލަ އަދަދުގެ 80 އިންސައްތައަށްވާ ފައިސާއެވެ. އަދި ބާކީ 20 އިންސައްތައަކީ ލޯނު ނަގާ ފަރާތުގެ ހިއްސާއެވެ. އެ 20 އިންސައްތައަކީ މަޝްރޫއަށް ކޮށްފައިވާ ޚަރަދާއި ގަނެފައިވާ ތަކެތި ނުވަތަ ގޯތީގައި ބޭނުންކުރާ އިމާރާތް އަދި ހުސް ބިމެއް ނަމަ، އެ ބިމުގެ ގޮތުގައި ވެސް އަގުކުރެވިދާނެއެވެ.

މި ސްކީމްގެ ދަށުން ގިނަވެގެން ނެގޭނީ 7 ލައްކަ ރުފިޔާއެވެ. އަދި 15 އަހަރާއި 20 އަހަރުގެ މުއްދަތެއް ލޯނު އަނބުރާ ދެއްކުމަށް ލިބޭނެއެވެ. ލޯނުގެ މޯގޭޖަކަށް ނަގާނީ އިމާރާތް ކުރެވޭ ތަން އެކަންޏެވެ. އިމާރާތް ކުރުމަށްދޭ ގްރޭސް ޕީރިއަޑަކީ 12 މަހާއި 15 މަހެވެ.

މި ލޯން ސްކީމް ހިންގައި، މެނޭޖު ކުރާނީ އެޗް.ޑީ.އެފް.ސީންނެވެ. އެހެންނަމަވެސް ލޯނަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް އެޕްރޫވް ކުރާނީ އެޗް.ޑީ.އެފް.ސީއާއި ޕްލޭނިންގ މިނިސްޓްރީ ގުޅިގެން އެކުލަވާލާ ޖޮއިންޓް ކްރެޑިޓް ކޮމެޓީއަކުންނެވެ.

ގެދޮރުވެރިޔާ ލޯން ސްކީމްގެ ސަބަބުން އަތޮޅުތަކުގައި ހަދަން ފަށާ ނުނިމި ހުރި ގެތައް ނިންމުމަށާއި، އަލުން އިމާރާތް ކުރުމަށްވެސް ރައްޔިތުންނަށް ފުރުޞަތު ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މިވަގުތު މި ސްކީމުގެ ދަށުން ކޮންމެ މީހަކަށްވެސް 7 ލައްކަ ރުފިޔާއާއި ހަމައަށް ލޯނު ދޫކުރިނަމަވެސް މިޢަދަދު އިތުރުކޮށް، ލޯނުގެ ގޮތުގައި ދޫކުރެވޭ މިންވަރު މައްޗަށް ޖެއްސުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވައެވެ.