ސެނެގާލުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ސާޑިއޯ މާނޭއަށް ލިބިފައިވާ އަނިޔާގެ ސަބަބުން ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕުގެ ފުރަތަމަ މެޗުގައި ނުކުޅެވޭނެކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފިއެވެ.
އެހެންކަމުން ސެނެގާލް ގްރޫޕް އޭ ގައި ނެދަލަންޑްސް އާއި ދެކޮޅަށް ކުޅޭ ފުރަތަމަ މެޗްގައި މާނޭ ނުފެންނާނެއެވެ. މާނޭގެ ފަޔަށް އަނިޔާވެފައިވަނީ އޭނާ މިހާރު ކުޅެމުންދާ ޖަރުމަނު ބުންޑަސްލީގާގެ ބަޔޭން މިޔުނިކަށް ކުޅުމުގެ ތެރޭގައެވެ. މިއަނިޔާގެ ސަބަބުން މިފަހަރުގެ ވާރލްޑް ކަޕްގައި މާނޭ ނުފެނިދާނެކަމަށް ހީވި ނަމަވެސް ސެނެގާލުންވަނީ މިފަހަރު އެކުލަވާލި ޓީމްގައި އޭނާގެ ނަން ހިމަނާފައެވެ.
ސެނެގާލްގެ ކޯޗް އަލިއު ސީސޭ ހާމަކުރިގޮތުގައި މާނޭއަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ އޮޕަރޭޝަނެއް ކުރަން ނުޖެހޭކަމަށާއި އަދި މުބާރާތަށް އޭނާ ފިޓްވާނެކަމުގެ އުންމީދު އެބައޮތް ކަމަށެވެ.
ސެނެގާލްއިން ހާމަކުރިގޮތުގައި ފުރަތަމަ މެޗް ޖެހިފައިމިވަނީ ނާމޭ އާއި ނުލާ ކުޅެ މޮޅުވާށެވެ. މިއީ އެއްވެސް މިހަކު ބޭނުންވި ގޮތް ނޫން ކަމަށާއި ނަމަވެސް މިއީ މިފަހަރު ކަން ދިމާވި ގޮތް ކަމަށް ސެނެގާލް ފުޓްބޯލް ފެޑެރޭޝަނުން ހާމަކުރެއެވެ.