ކުޅިވަރު

އަނިޔާއާ ގުޅިގެން ފްރާންސްގެ ފޯވާޑް އެންކުންކޫ ވޯލްޑް ކަޕުގައި ނުފެންނާނެ


ފްރާންސް ޓީމުގެ ފޯވާޑް ކްރިސްޓޮފާ އެންކުންކޫއަށް އަނިޔާވެ މި ފަހަރުގެ ފީފާ ވޯލްޑް ކަޕުގައި އޭނާ ނުފެންނާނެކަން ޔަގީންވެއްޖެއެވެ.

މައުލޫމާތުލިބިފައިވާގޮތުގައި އޭނާގެ ފަޔަށް އަނިޔާވެފައިވަނީ އިއްޔެ ބޭއްވި ޓީމްގެ ފަރިތަކުރުންތަކުގައެވެ.

އެންކުންކޫއަކީ ޖަރުމަނު ބުންޑަސްލީގާގެ އާރްބީ ލިޕްޒިގަށް ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އަދި އޭނާއަކީ މިވަގުތު ޖަރުމަނު ބުންޑަސްލީގާގެ ލަނޑު ލިސްޓްގެ އެންމެ ކުރީގައި އުޅޭ ކުޅުންތެރިޔާއެވެ. އޭނާވަނީ 15 މެޗްގައި 12 ލަނޑު ޖަހާފައެވެ.

އެންކުންކޫއަށް އަނިޔާވެފައިވަނީ ރެއާލް މެޑްރިޑްގެ އެޑުއާޑޯ ކަމަވިންގާ ކުރި ޗެލެންޖެއްގެ ތެރޭގައެވެ. ފަރަންސޭސި ޓީމް މިއަދުގެ ވަގުތެއްގައި ޤަތަރަށް ދިއުމަށްޓަކައި ފުރާނެއެވެ.

އެންކުންކޫއަކީ މިފަހަރުގެ މުބާރާތުގައި އަނިޔާގެ ގިނަ މައްސަލަ ތަކެއް ކުރިމަތިވެފައިވާ ފަރަންސޭސި ޓީމްގެ އަނިޔާގެ ލިސްޓަށް އިތުރުވި އާ ކުޅުންތެރިއެކެވެ. މިގޮތުން މިފަހަރުގެ ވާރލްޑް ކަޕްގައި ޕޯލް ޕޮގްބާ، އެންގޯލޯ ކާންޓޭ އަދި ޕްރިންސެލް ކިމްޕެންބޭ ނުފެންނާނެކަން ކުރިންވެސް ވަނީ ޔަގީންވެފައެވެ. އަދި ރަފައެލް ވެރާންވެސް އަންނަނީ އޭނާއަށް ލިބިފައިވި އަނިޔާއިން ރަނގަޅުވަމުންނެވެ. އެންކުންކޫގެ ބަދަލުގައި ފަރަންސޭސި ޓީމަށް ނަގާ ކުޅުންތެރިއެއް އަދި ހާމަކޮށްފައެއް ނުވެއެވެ.