ކުޅިވަރު

އޭޓީޕީ ފައިނަލްސް: ދެވަނަ މެޗުންވެސް ބަލިވެ ނަޑާލް ކަޓައިފި


އިޓަލީގެ ޓިއުރިންގައި މިހާރު ކުރިއަށްދާ އޭޓީޕީ ފައިނަލްސް ޓެނިސް މުބާރާތުގައި އެއްވަނައަށް ސީޑް ކުރެވިފައިވާ ރަފައެލް ނަޑާލް ދެވަނަ މެޗުންވެސް ބަލިވެ މުބާރާތުން ކަޓައިފިއެވެ.

ރޭ ކުޅުނު މެޗްގައި ނަޑާލް ބައްދަލު ކޮށްފައިވަނީ ފީލިކްސް އައުގަރ އަލިއަސިމް އާއެވެ.

މިމެޗް އައުގަރ އަލިއަސީމް ކާމިޔާބުކޮށްފައިވަނީ ސީދާ ދެސެޓުންނެވެ. އެއީ ހައެއް ތިނެއް އަދި ހައެއް ހަތަރަކުންނެވެ. ނަޑާލްވަނީ އޭނާ ކުޅުނު ފުރަތަމަ މެޗްގައި އެމެރިކާގެ ޓެލަރ ފްރިޓްޒް އަތުންވެސް ބަލިވެފައެވެ. އެހެންކަމުން ސީޒަން ނިންމާ މުބާރާތް ފުރަތަމަ ފަހަރަށް ކާމިޔާބު ކުރުމުގެ އުންމީދާއެކު މިފަހަރުގެ މުބާރާތަށް ކުރިމަތިލި ނަޑާލްއަށް މިވަނީ ގްރޫޕް މަރުހަލާއިން މުބާރާތަށް އަލްވަދާއު ކިޔަން ޖެހިފައެވެ.

ނަޑާލް މިމުބާރާތަށް އަލްވަދާކު ކިޔަން ޖެހުނީ ގްރީން ގްރޫޕްގައި ދެން ހިމެނޭ ނޯވޭގެ ކެސްޕަރ ރުޑް އާއި ފްރިޓްޒް ބައްދަލުކުރިމެޗް ރުޑް ކާމިޔާބު ކުރުމުންނެވެ. ރުޑް މިމެޗް ކާމިޔާބުކުރީ ދެސެޓް އެއްސެޓުންނެވެ. އެއީ ހައެއް ތިނެއް، ހަތަރެއް ހައެއް އަދި ހަތެއް ހަޔަކުންނެވެ. މިކާމިޔާބީ އާއެކު ރުޑް މިހާރު އޮތީ އެގްރޫޕްގައި މިހާތަނަށް ކުޅުނު ދެމެޗްވެސް ކާމިޔާބުކށް ގްރޫޕް އެއްވަނައިގައެެވެ. ރުޑް މީގެކުރިން ވަނީ އައުގަރ އަލިސީމްވެސް ބަލިކޮށްފައެވެ.

ނަޑާލްގެ މިނާކާމިޔާބީއާއެކު މިއަހަރު ނިމޭއިރު ފިރިހެނުންގެ ދުނިޔޭގެ ރޭންކިންގގެ އެއްވަނަ ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ކާލޯސް އަލްކަރާޒްއަށް ލިބިގެންދާނެއެވެ. އަދި އޭނާ ވެގެންދާނީ އަހަރު ނިމޭއިރު އެއްވަނަ މަގާމް ހޯދާ އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. އުމުރުން 19 އަހަރުގެ އަލްކަރާޒް މިފަހަރުގެ މުބާރާތުގައި އަނިޔާގެ ސަބަބުން ނުކުޅެއެވެ.