ޚަބަރު

އެންމެ ގިނައީ ރާއްޖޭގައި ނޫޅޭ ބިދޭސީންގެ ނަމުގައި ހުރި ސިމްކާޑު


ރާއްޖޭގައި ބޭނުންކުރާ މޯބައިލް ސިމް ކާޑު އެންމެ ގިނަ އަދަދަކަށް ގަނެފައިވަނީ ބިދޭސީންކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގައި ހިންގޭ އެކި ކުށްތަކުގައި ސިމްކާޑު މެދުވެރިކޮށް ހިންގޭ ކުށްތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.

ފައިތުވެދިޔަ 4 އަހަރުގެ ތެރޭގައި ހޯމް ސެކްޓާއިން ކުރެވުނު މަސައްކަތްތަކުގެ ތަފްސީލް ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ކުށްތަކަށް އަރައިގަތުމުގައި މޯބައިލް ފޯނު މެދުވެރިކޮށް ހިންގޭ އެކި ކުށްތައް ވަރަށް ބޮޑަށް އިތުރު ވެފައިވާކަމަށެވެ. ޚާއްސަކޮށް ސިމްކާޑުތައް ބޭނުންކޮށްގެން ސްކޭމް ކޯލްތައް ކުރުމާއި، ޓެރަރިޒަމްފަދަ ބޮޑެތި ކުށްތަކަށް އަރައި ގަންނަމުންދާކަން ސީޕީ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެން ބަލާލިން ދިވެހި ރާއްޖޭގައި ސިމްކާޑު ބޭނުން މިކުރަނީ ކިހިނެތްތޯ. ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ސިމްކާޑު ގަނެފައި ތިބި މީހުންނަށް ބަލާއިރު އެންމެ ޓޮޕް 5 ގައި ހިމެނެނީ ބިދޭސީން. ދިވެހި ރާއްޖޭގައި ނޫޅޭ ބިދޭސީން. އެ ކޮންމެވެސް އިރެއްގައި ދިވެހިރާއްޖޭގައި އުޅެފަ. ނަމަވެސް މިހާރު ދިވެހި މާހައުލުގައި ނެތް ބިދޭސީން. ކޮންމެ މީހަކަށް އެވެރެޖްކޮށް 5000 ސިމް ކާޑު" ސީޕީ ހަމީދު ވިދާޅުވިއެވެ.

ފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ސިމްތައް މެދުވެރިކޮށް ހިންގާ ކޯލްތައް ހުއްޓުވުމަށްޓަކައި ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި ސްކޭމް ކޯލުތައް ހުއްޓުވުމަށް 2196 މޯބައިލް ނަންބަރުގެ ޚިދުމަތް ވަނީ ކަނޑާލާފައެވެ. 817 ފޯނުގެ އައި.އެމް.އީ.އައި ވަނީ ބްލެކްލިސްޓް ކުރެވިފައެވެ. 12 ވެބްސައިޓެއް ބްލޮކް ކޮށްފައިވާއިރު، 8 އައިފީ އެޑްރެސް ވަނީ ބްލޮކް ކުރެވިފައެވެ.

ސީޕީ ވިދާޅުވީ މިމައްސަލަތައް ހައްލު ކުރުމުގައި ޤާނޫނީ ގޮތުންވެސް ގޮންޖެހުންތަކެއް ހުރިކަމަށެވެ. އެކަންކަން ދެނަގެވި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައްވެސް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް ސީޕީ ވިދާޅުވިއެވެ.

މަކަރާއި ހީލަތުން އޮޅުވަލައިގެން އެންމެ ގިނަ އަދަދަކަށް މައްސަލަތައް ރިޕޯޓް ކުރެވީ ޖަލުންނެވެ. ޖަލަށް ގަވާއިދާއި ޚިލާފަށް ވައްދާ ފޯނުތަކުގެ މައްސަލަތައް ހައްލު ކުރުމަށްޓަކައި މާފުށީ ޖަލުގައި މީގެ ކުރިން ވަނީ ޖޭމަރުވެސް ހަރުކޮށްފައެވެ.

މިޕްރެސްގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވިދާޅުވީ ޖޭމަރު ބެހެއްޓުމުން މާފުށީ ކައިރީގައި ދިރިއުޅޭ އެހެން ރަށްތަކުގެ މީހުންނަށްވެސް އެކަމުގެ އުދަނގޫ ކުރިމަތިވި ކަމަށެވެ. އަދި މިމައްސަލައަށް ހައްލު ގެނައުމަށް މިހާރު ޖަލުގައި "ހަނީޕޮޓެއް" ނުވަތަ ކޯލްތައް ހުއްޓުވުމަށް އެންޓަނާއެއް ގާއިމްކުރެވިފައިވާ ކަމަށެވެ.

މިނިޒާމާއެކު ޖަލު ސަރަހައްދުގައި ހުއްދަ ލިބިގެން ފޯނު ބޭނުންކުރާ ފަރާތްތައް ކަނޑައެޅި އެފަރާތްތަކުން ބޭނުންކުރާ އައިިޕީ އެޑްރެސްއާއި އެހެން މައުލޫމާތު ކަމާއި ބެހޭ ފަރާތްތަކާއި ހިއްސާ ކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޖަލުގައި ގާއިމް ކުރެވިފައިވާ މި ނިޒާމުގެ ސަބަބުން ފުލުހުންނާއި ކޮމިއުނިކޭޝަން އޮތޯރިޓީ ގުޅިގެން ބަލަންޖެހޭ މައުލޫމާތުތައް ބަލައި ހޯދުމަށް ބޮޑު ފަސޭހައެއް ލިބިދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.