ސެއިލިން ތަޖުރިބާކޮށް، އިތުރަށް އެ ސިނާއަތުގައި ކުރިޔަށް ދިޔުމަށް މަގުފަހި ކޮށްދިނުމަށްޓަކައި ސަޢުދީ އަރަބިއްޔާގެ މެރީނާގައި މަސައްކަތު ތަޖުރިބާތަކެއް ހޯދުމަށްޓަކާ ދިވެހި ޒުވާނުންތަކެއް އެ ޤައުމަށް ފުރައިފިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދަނީ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އާއި ދުބާއީގޭ ޖޭއެލްއެސް ސުޕަރ ޔޮޓްސް ކުންފުންޏާއި ގުޅިގެންނެވެ. އަދި މި ޕްރޮގްރާމްގެ ކުދިންގެ ހުރިހާ ހަރަދެއް ކުރަނީ ޖޭއެލްއެސްއިންނެވެ. ސަޢުދީ އަރަބިއްޔާގެ މެރިނާގައި މަސައްކަތް ކުރުމަށް އެ ޤައުމަށް ފުރާފައިވަނީ 13 ޒުވާނުންނެވެ. މި މީހުން އެ ޤައުމުގައި 2 މަސް ވަންދެން މަސައްކަތު ތަޖުރިބާކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމް.އައި.ޓީ.ޑީ.ސީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ރާއިދު ވިދާޅުވީ، ދުބާއީގެ ޖޭއެލްއެސް އިން ދިވެހި ޒުވާނުންނަށް ފަހިކޮށްދިން ފުރުޞަތަކީ ރިޔަލު ޔޮޓްގެ ފަތުރުވެރިކަން ފުޅާކުރުމަށްޓަކާ ކުރަމުން އަންނަ މަސައްކަތެއްކަމަށެވެ. އަދި މިފަދަ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ސަބަބުން މިދާއިރާއަށް ޝައުގުވެރިވާ ދިވެހިންގެ ޢަދަދު އިތުރުވެ މިހާރު ޔޮޓްތަކުގައި މަސައްކަތްކުރާ ބިދޭސީންގެ ބަދަލުގައި ދިވެހިންނަށް ފުރުޞަތުތައް ލިބިގެންދާނެކަމަށެވެ.
ތުލުސްދޫގައި ހުންނަ ޖޭއެލްއެސް ޓްރެއިނިންގ ސެންޓަރުގެ ޕްރިންސިޕަލް އަޙްމަދު ނައުޝާދު ވިދާޅުވީ، މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު ދީފައިވަނީ ކަނޑުދަތުރުފަތުގެ ލައިސަންސް އޮންނަ މީހުންނަށާއި، ސެންޓަރުން ކުރިއަށްގެންދިޔަ ޕަވަރ ބޯޓް ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށްފައި ތިބި ކުދިންނަށްކަމަށެވެ.
އޭނާ ވިދާޅުވީ، ކުރިއަށް އޮތްތަނުގައިވެސް މިފަދަ އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ސެއިލިންގެ ކޯސްތައް ކުރިއަށް ގެންދިޔުމަށްޓަކައިވެސް މަސައްކަތްކުރަމުން އަންނަކަމަށް ނައުޝާދު ވިދާޅުވިއެވެ.
ޖޭއެލްއެސް ސުޕަރ ޔޮޓްސްއަކީ ގަލްފް ސަރަހައްދުގައި ޔޮޓް ހޭންޑްލް ކުރާ އެންމެ ބޮޑު ކުންފުންޏެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެ ކުންފުނީގެ ކަސްޓަމަރުން ތިބެއެވެ.
ދާދިފަހުން އެމް.އައި.ޓީ.ޑީ.ސީން ވަނީ ސެއިލިންގެ ދާއިރާއިން 10 ޒުވާނުން ތަމްރީންކުރުމަށް އެޗް.ޑީ.ސީއާއެކުވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި މިހާރު ވަނީ އެކަމަށް އެދުމުގެ ފުރުޞަތުވެސް ހުޅުވާލާފައެވެ. މި ތަމްރީންގެވެސް ބޮޑުބައެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ރާއްޖެއިން ބޭރުގައެވެ.