ނުވަވަނަ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ފިއުޗާ ސްޕޯޓްސް ކުލަބުން ހޯދިއިރު، އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން އޮރިކްސް ހޭންޑްބޯލް ކުލަބުން ހޯދައިފިއެވެ.
މި މުބާރާތުގެ ފައިނަލް މެޗުތައް އަންގާރަ ދުވަހު ކުޅުނުއިރު، ފުރަތަމަ ކުޅުނީ ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗެވެ. ފައިނަލް މެޗުގައި ފިއުޗާއިން ފުލިދޫ ޔޫތު ސްޕޯޓްސް ކުލަބްގެ މައްޗަށް ކުރިހޯދީ 35-27 އިންނެވެ.
ފިރިހެން ޑިވިޝަނުގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފިއުޗާގެ މުޙައްމަދު ފިރުޝާންއެވެ.
ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ތިން ކުޅުންތެރިންނަކީ ފުލިދޫގެ އަބްދުﷲ ސިޔާއު، ފިއުޗާގެ އަޙްމަދު އިނާޝް އަދި ފިރުޝާންއެވެ.
މި މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން އޮރިކްސް އިން ހޯދީ ފައިނަލުގައި ކީސް ސްޕޯޓްސް ކުލަބް 25-16 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮރިކްސް ގެ ޒުލޭހާ އިބްރާހީމްއެވެ.
މި މުބާރާތުގެ ޑިވެލޮޕްމެންޓް ޝީލްޑް ބައިގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ދިވެހި ސިފައިންގެ ކުލަބުންނެވެ. އަދި ޑިވެލޮޕްމެންޓް ޝީލްޑް ބައިގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ރެޑް ހޯކްސްއެވެ.
ގައުމީ ހޭންޑް ބޯލް މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިއަކީ ފިއުޗާގެ ރާއިދު ރަޝީދެވެ. އަދި 21 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔަކީ އޮރިކްސްގެ ފާތިމަތު އަރޫޝާއެވެ.