އދ. މަހިބަދޫ ކައިންސިލުން އިންތިޒާމުކޮށްގެން ބާއްވާ މަހިބަދޫ ޒުވާނުންގެ 19 ވަނަ ފުޓްބޯޅަ މުބާރާތުގައި ސްޕޯޓިން އަޒިއޯން ބަލިކޮށް އެންޓީ ޔުނައިޓެޑުން ސެމީ ފައިނަލާ މެދު އޮތް އިތުބާރު ބޮޑުކޮށްފިއެވެ.
މުބާރާތުގެ ލީގުބުރުގައި އެންޓީ އާއި އަޒިއޯންގެ ކުރިމަތިލުން އެންޓީން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
މިމެޗަށް ނިކުތްއިރުވެސް މިދެޓީމަށްވެސް އޮތީ ސެމީފައިނަލުގެ ޖާގައެއް ކަށަވަރު ވެފައެވެ. އެއީ މުބާރާތް ރޭވިފައިވާގޮތުން ލީގުބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުގެ ސީދާ ޖާގައެއް ލިބޭއިރު، ލީގުބުރުން ދެވަނައަށް އަދި ތިންވަނައަށް ދާ ދެޓީމުގެ މެދުގައި ސެމީ ކުޅެން ހަމަޖެހިފައި އޮތުމުންނެވެ. އެގޮތުން މިމެޗަށް ނިކުތްއިރު އަޒިއޯން އޮތީ ތާވަލުގެ ދެވަނާގައެވެ. އެންޓީ އޮތީ ތާވަލުގެ ތިންވަނާގައެވެ. އަނެއްކޮޅުން ލީގުބުރުގައި ބާކީ ދެންހުރި މެޗުތަކުން ކޮންމެ ނަތީޖާއެއް ނިކުތް ކަމުގައި ވިޔަސް، ތާވަލަށް މާބޮޑު ބަދަލެއް ނާންނާނެއެވެ.
މިމެޗުގެ ފެށިގެން އެންމެ ފުރަތަމަ ލީޑު ނެގީވެސް އެންޓީންނެވެ. މެޗުގެ 24 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަބްދުﷲ މިދުހަތު ފަހުމީއެވެ. އޭގެ ދެމިނެޓު ފަހުން އެންޓީއަށް ލިބުނު ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އެޓީމަށް ލީޑު ފުޅާކޮށްދިނީ ސުއައިދް ސައީދުއެވެ.
މެޗުގެ ފުރަތަމަ ހާފާއި ޚީލާފަށް ދެވަނަ ހާފުގައި އަޒިއޯން އިން ފެނުނީ ކުޅުން ރަނގަޅުކޮށެވެ. އެގޮތުން މެޗުގެ 63ވަނަ މިނެޓުގައި އަޒިއޯން ގެ އާލިފް އާދަމް އެޓީމަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިންއިރު، 72ވަނަ މިނެޓުގައި ކެޕްޓަން އަބްދުލް ބާސިތު ވަނީ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
މިނަތީޖާގައި މެޗު އެންވަރުވާން ދަނިކޮށް މެޗުން އެންޓީ މޮޅުކޮށްދިނީ ހުސައިން ނިހާންއެވެ. މިލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 77 ވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން ސުއައިދް ސައީދު ނަގައިދިން ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް އަމާޒު ކޮށްލައިގެންނެވެ.
ސެމީގެ ޖާގަ ޔަގީން ވެފައި އޮތުމުން މިމެޗައް ދެޓީމުންވެސް ނިކުތީ ފުރަތަމަ އެގާރައަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން ދެޓީމުގެވެސް މުހިންމު ގިނަ ކުޅުންތެރިނަށް ރެސްޓު ދިނުމުގެ ގޮތުން މިމެޗުން ފުރުސަތު ދީފައެއް ނުވެއެވެ. އަނެއްކޮޅުން މެޗުގެ ބޮޑުބައި ބޯ ވިއްސާރާގައި ކުޅެން ޖެހުމުގެ ސަބަބުން ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އެންމެ ރަނގަޅު ކުޅުން ދެއްކޭގޮތެއްވެސް ނުވިއެވެ.