ތައިލޭންޑުން ކަނޑައަޅާ އިގްތިސާދީ ސްޓިމިއުލަސް ޕޮލިސީތައް ބޮޑަށް އަމާޒު ކުރާނީ މަދުން އަމްދަނީ ލިބޭ މީހުންނަށްކަމަށް އެ ގައުމުގެ މާލީ ވަޒީރު ވިދާޅުވެއްޖެއެވެ.
ނަމަވެސް ގިނަ މީހުން ވަޒީފާތަކަށް ނިކުންނަން ފެށުމުން ސްޓިމިއުލަސް ޕެކޭޖްތައް މަދުވާނެ ކަމަށް ވިޔަފާރި ފޯރަމަކަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވިއެވެ. އަދި ތައިލޭންޑަށް އިގްތިސާދީ ގޮތުން ކުރިއެރުން ލިބެމުން އައީ އެކްސްޕޯޓާއި، ސަރުކާރުން ހަރަދު ކުރުން އިތުރު ކުރުމާއި ފަތުރުވެރިކަމުން ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.
ދުނިޔޭގެ އިގްތިސާދު ހީނަރުވަމުން އައި ނަމަވެސް ތައިލޭންޑުގެ މިއަހަރުގެ އިގްތިސާދީ ދުވެލި %3.4 އަށް ހަލުއިވާނެ ކަމަށާއި އަންނަ އަހަރުގެ އިގްތިސާދީ ދުވެލި %3.8 އަށް ހަލުއިވާނެ ކަމަށްވެސް އާކޮމް އިތުރަށް ވިދާޅުވިއެވެ. މީގެއިތުރުން މިއަހަރުގެ ނިޔަލަށް ތައިލޭންޑަށް 10 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ލަފާކުރައްވާކަމަށްވެސް އާކޮމް ވިދާޅުވިއެވެ.
ހަމަ އެ ފޯރަމްގައި ވާހަކަ ދައްކަވަމުން މަރުކަޒީ ބޭންކުގެ އެސިސްޓެންޓް ގަވަރުނަރު ޕިޓީ ޑިސިއަޓަޓް ވިދާޅުވީ ތައިލެންޑްގެ އިގްތިސާދު މިއަހަރު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ކޯވިޑުގެ ބަލިމަޑުކަމުގެ ކުރިން އޮތް މިންވަރަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މަރުކަޒީ ބޭންކުން އިންޓަރެސްޓް ރޭޓް ކުރިއަށް ގެންދިއުމަށް ގެންގުޅޭ އުސޫލަކީ ކުރިން ގެންގުޅޭ އުސޫލުގެ ބައެކެވެ.
މަރުކަޒީ ބޭންކުގެ ދެން އޮންނަ މަނިޓަރީ ޕޮލިސީ ބައްދަލުވުން އޮންނާނީ އަންނަ މަހުގެ 30 ވަނަ ދުވަހުއެވެ.