ކުޅިވަރު

ޔޫއޭއީ ބަލިކޮށް އާޖެންޓީނާއިން ބަލިނުވެ 36 މެޗު ހަމަކޮށްފި


އަންނަ އާދީއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން އާޖެންޓީނާއިން ޔޫއޭއީއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.

އާޖެންޓީނާއިން މި މެޗު ކާމިޔާބުކުރީ ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އާޖެންޓީނާއިންނެވެ. މިމެޗްގައި އާޖެންޓީނާގެ ފުރަތަމަ ލަނޑު މެޗްގެ 17 ވަނަ މިނެޓްގައި ޖަހާދިނީ ހޫލިއަން އަލްވަރޭޒްއެވެ. އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 25 ވަނަ މިނެޓގްައި ޖަހާދިނީ އެންޖެލް ޑިމާރިއާއެވެ. އަދި ތިންވަނަ ލަނޑު މެޗްގެ 36 ވަނަ މިނެޓްގައި ޖަހާދިނީވެސް ޑި މާރިއާއެވެ. މިމެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން އާޖެންޓީނާގެ ހަތަރު ވަނަ ލަނޑު ޖަހާދިނީ ކެޕްޓަން ލިއޮނެލް މެސީއެވެ. އަދި ފަހު ލަނޑު މެޗްގެ 60 ވަނަ މިނެޓްގައި ޖަހާދިނީ ހޯކިމް ކޯރެއާއެވެ.

މިކާމިޔާބީއާއެކު ވާރލްޑް ކަޕާއި އާޖެންޓީނާ ކުރިމަތި މިލަނީ 36 މެޗުން ބަލިނުވެ އޮތުމާއެކުއެވެ. މިފަހަރުގެ މުބާރާތުގައި އާޖެންޓީނާ ކުޅޭ ފުރަތަމަ މެޗްގައި މިމަހުގެ 22 ވަނަ ދުވަހު ބައްދަލުކުރާނީ ސައުދީ އަރަބިއާ އާއެވެ. ގްރޫޕް ސީގައި ދެން ހިމެނެނީ މެކްސިކޯ އާއި ޕޯލަންޑެވެ.