ކުޅިވަރު

ސްކޮޓްލަންޑް އަތުން ތުރުކީއަށް މޮޅެއް


ސްކޮޓްލަންޑާ ދެކޮޅަށް ކުޅުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗު ތުރުކީވިލާތުން ކާމިޔާބުކޮށްފިއެވެ.

މިމެޗް ތުރުކީވިލާތުން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ތުރުކީވިލާތުންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 40 ވަނަ މިނެޓްގައި ޖަހާ ލީޑު ނަގާފައިވަނީ ތުރުކީވިލާތުންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ އޮޒާން ކަބަކްއެވެ. އަދި ދެވަނަ ހާފްގެ ކުޅުން ފެށިތާ ހަތަރު ވަނަ މިނެޓްގައި ޗެންގީޒް އުންޑަރވަނީ ތުރުކީއަށް ދެލަނޑުގެ ލީޑެއް ނަގާދީފައެވެ. މިމެޗްގައި ސްކޮޓްލަންޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 62 ވަނަ މިނެޓގައި ޖަހާދިނީ ޖޯން މެކްގިންއެވެ.

މިއީ މިދެޓީމްގެ މެދުގައި ވޭތުވެދިޔަ 62 އަހަރުގެ ތެރޭގައި ކުޅުނު ފުރަތަމަ މެޗެވެ. އަދި މިއީ ސްކޮޓްލަންޑްގެ ކޯޗް ސްޓީވް ކްލާކްގެ ކޯޗް ކަމުގެ ދަށުން ސްކޮޓްލަންޑް ކުޅުނު 16 މެޗްގައި ބަލިވި ތިންވަނަ މެޗެވެ.