އަންނަ އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބުމުން އުފާކުރާކަމަށް ސާބިއާގެ ނޯވަކް ޖޮކޮވިޗް ބުނެފިއެވެ.
ޖޯކޮވިޗް މިކަން ހާމަކޮށްފައިވަނީ އޭނާ އާއި ދެކޮޅަށް އޮސްޓްރޭލިއާ ސަރުކާރުން އަޅާފައިވާ ވީސާ ބޭން އަނބުރާ ގެންދިއުމާއި ގުޅިގެންނެވެ.
އޮސްޓްރޭލިއަން އޯޕަން ނުވަ ފަހަރަށް ކާމިޔާބުކޮށްފައިވާ ޖޯކޮވިޗް ވަނީ މިއަހަރުގެ މުބާރާތަށް އެޤައުމަށް ދިއުމުން ކޮރޯނާ ވައިރަސް ވެކްސިން ޖަހާފައި ނެތުމާއި ގުޅިގެން އޭނާގެ ވީސާ ކެންސަލް ކޮށް އަދި ފަހުން ޑިޕޯޓް ކޮށްލާފައެވެ. އަދި އެއާއެކު އޭނާއަށް ތިން އަހަރު އެޤައުމަށް ވަނުން މަނާކުރިއެވެ. ނަމަވެސް މިދިޔަ އަންގާރަ ދުވަހު އޮސްޓްރޭލިއާއިން ވަނީ ޖޯކޮވިޗްއަށް އަލުން ވީސާ ދޭނެކަން ހާމަކޮށްފައެވެ.
މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޖޯކޮވިޗް ހާމަކުރިގޮތުގައި މިއީ އޭނާއަށް ލިބިގެންދިޔަ ވަރަށް ހިތްހަމަ ޖެހޭ ހަބަރެއް ކަމަށެވެ. އަދި ހާއްސަކޮށް މިއަހަރު އޮސްޓްރޭލިއާގައި އޭނާއަށް ކުރިމަތިވެގެންދިޔަ ކަންތައްތަކަށްފަހު އެމުބާރާތުގައި މިއަންނަ އަހަރު ކުޅުމުގެ ފުރުސަތު ލިބުމުން އުފާކުރާކަމަށްވެސް އޭނާ ހާމަކުރިއެވެ. ޖޯކޮވިޗް ހާމަކުރިގޮތުގައި އޮސްޓްރޭލިއަން އޯޕަންއަކީ އޭނާއަށް އެންމެ ކާމިޔާބު ގްރޭން ސްލޭމް މުބާރާތް ކަމަށެވެ. އަދި މިއަންނަ އަހަރުގެ މުބާރާތަށް އޭނާ ގޮސް ކާމިޔާބު މުބާރާތެއް ހޭދަކުރުމަށް އުންމީދު ކުރާކަމަށްވެސް ޖޯކޮވިޗް ހާމަކުރެއެވެ.