ޚަބަރު

އިޞްލާހުކޮށް އަނބުރާ މުޖުތަމަޢުއަށް ނެރޭ ޤައިދީންގެ ޢަދަދު އިތުރު


ރާއްޖޭގެ ޖަލުތަކުގައި ދިމާވާ އެކި މައްސަލަތަކަށް ބޮޑެތި ހައްލުތަކެއް ގެނެވި، ޤައިދީން އިޞްލާހުކޮށް އަނބުރާ މުޖުތަމަޢުއަށް ނެރެވޭ ޢަދަދު އިތުރު ކުރެވިފައިވާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެއެވެ.

ފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއިން ކުރި ކާމިޔާބު މަސައްކަތްތަކާއި ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވީ ފާއިތުވި ހަތަރު އަހަރު، ޖަލުތަކުގެ ހާލަތު ރަނގަޅުކޮށް ޖަލަށްލެވޭ މީހުންނަކީ އަނބުރާ މުޖުތަމަޢުއަށް ނެރެވޭނެ ބަޔަކަށް ހެދުމަށް ޚާއްސަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށެވެ.

ޤައިދީންނަށް ލުއި ގޮތެއް ހޯދައިދިނުމަށް ޤައިދީންގެ އާއިލާތަކުން ސަރުކާރުތަކުގައި ތަކުރާރުކޮށް އެދެއެވެ. ނަމަވެސް އެކަމަށް ލުއި ގޮތްތަލެއް ހޯދައިދިނުމަށް މިދައުރުގައި ވަނީ ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް އިސްލާހުތަކެއް ގެނެސް ޕެރޯލް ލިބޭނެ ގޮތަކަށް ގިނަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. އެގޮތުން މިވީ ހަތަރު އަހަރުގެ ތެރޭގައި ޕެރޯލްގެ ދަށުން 223 މީހަކު އަނބުރާ މުޖުތަމައަށް ވަނީ ނެރެފައެވެ.

ޕެރޯލްގެ ދަށުން ޤައިދީން މުޖުތަމަޢުއަށް އަނބުރާ ނެރުނު ޢަދަދު

- 2019 ވަނަ އަހަރު 46 މީހުން
- 2020 ވަނަ އަހަރު 52 މީހުން
- 2021 ވަނަ އަހަރު 96 މީހުން
- 2022 ވަނަ އަހަރު 29 މީހުން
- ޕެރޯލްގެ ދަށުން ދޫކޮށްލި 26 މީހަކަށް ވަނީ ސްޓެލްކޯއިން ވަޒީފާ ދީފައި

"ޕެރޯލް ނިޒާމަށް ބަލާއިރު މިހާރު ޖަލަށް މީހާ ގެނެވޭ ހިސާބުން ފެށިގެން ޕެރޯލްއަށް މީހާ އެލިޖަބަލްވާ ވަގުތާއި، ތާރީހު އެމީހަކަށް ބުނެދެވި، ޕެރޯލްއަށް ޝަރުތު ހަމަވާ ދުވަހުން ފެށިގެން އެމީހަކަށް ޕެރޯލް ފުރުޞަތު ފަހިކޮށް ދިނުމަށް އިހުނަށްވުރެ ބޮޑަށް އިސްކަންދީގެން ދަނީ ކުރިއަށް ގެންދަމުން." ކޮމިޝަނަރ އޮތް ފްރިޒަންސް އަޙްމަދު މުހައްމަދު ފުޅު ވިދާޅުވިއެވެ.


ކޮމިޝަނަރ ވިދާޅުވީ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އެންމެ އިސްކަން ދެއްވީ ޖަލުތަކުގެ ސިއްހީ ކަންކަމަށް ބަދަލު ގެނައުމަށް ކަމަށެވެ. މިގޮތުން މާފުށީ ޖަލުގައި އައު މެޑިކަލް ސެންޓަރެއް ޤާއިމް ކުރެވިފައިވާކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. އަދި އައިޖީއެމްއެޗާއި ގުޅިގެން ސްޕެޝަލިސްޓް، އަދި ސުޕަ ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ޤައިދީން ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން މާފުށީ ޖަލުގައި ވަނީ މުޅިން އަލަށް ޓެލެ ކޮންސަލްޓޭޝަންގެ ޚިދުމަތްވެސް ފަށާފައެވެ.

ޖަލުތަކުގައި ތިބޭ ޤައއިދީންގެ ތެރެއިން މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލަށްލެވޭ މީހުންނަށް ހިންގޭ ރިހެބިލިޓޭޝަން ޕްރޮގުރާމުގެ ތެރެއިން 32 މީހަކު ވަނީ ރިހެބިލިޓޭޓް ކުރެވި މުޖުތަމަޢުއަށް ނެރެފައެވެ. ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ކަރެކްޝަނުން ދަނީމަންޑޭލާ ރޫލަށް ޢަމަލު ކުރަން ފަށައި، ޖަލުގައި އެމިންގަނޑަށް ކަންކަން ތަރުތީބު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.