މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ "ލިޓަސް ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް 2022" ގެ ޓީމު އިވެންޓުގެ ފައިނަލަށް ދިވެހި ސިފައިންގެ ކުލަބާއި އެންމެ ފަހުގެ ޗެމްޕިއަން ކުލަބު އީގަލްސް ދަތުރުކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ޓީމު އިވެންޓުގައި މި ފަހަރު ފަސް ކުލަބެއް ވާދަކުރެއެވެ. އެއީ މިދިޔަ އަހަރުގެ ޗެމްޕިއަން ކުލަބު އީގަލްސް އާއި، ކަސްޓަމްސް ރެކްރިއޭޝަން ކުލަބާއި، އައިލޭންޑާސް ހޯޕް ސްޕޯޓްސް ކުލަބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ދިވެހި ސިފައިންގެ ކުލަބެވެ.
ގައުމީ ބިލިއާޑް ސެންޓަރުގައި ކުރިއަށްދާ މި މުބާރާތުގެ ޓީމު އިވެންޓުގައި ބުދަ ދުވަހުގެރޭ ކުޅުނު ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބައްދަލުކުރީ ސިފައިންގެ ކުލަބާއި އީގަލްސްއެވެ. މި މެޗު 3-0 ނަތީޖާއަކުން ކާމިޔާބުކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ ސިފައިންގެ ކުލަބުންނެވެ.
އޭގެ ފަހުން ކުޅުނު ނޮކްއައުޓް މެޗުގައި ބައްދަލުކުރީ ކަސްޓަމްސް އާއި މާޒިޔާއެވެ. މި މެޗު ކަސްޓަމްސްއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. އެއާއެކު ބުދަ ދުވަހުގެރޭ ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުގައި އީގަލްސް އާއި ކަސްޓަމްސް ބައްދަލުކުރިއިރު، މި މެޗު 3-0 ނަތީޖާއަކުން ކާމިޔާބުކޮށް އީގަލްސްއިން ވަނީ ފައިނަލުގެ ފަހު ޖާގަ ހޯދާފައެވެ.
ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ ގައުމީ ބިލިއާޑް މުބާރާތުގައި ހަ އިވެންޓެއް ކުރިއަށްދާއިރު، މުބާރާތުގެ ފިރިހެން ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ މުޙައްމަދު ސާހިލް ހަމީދެވެ. އަދި ފިރިހެން ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން އިސްމާއީލް ޝިޔާމު ހޯދިއިރު، އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ އާއިޝަތު އަލީއެވެ. މުބާރާތުގެ ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހަސަން ޝާޒް މުޙައްމަދާއި އަޙްމަދު އިޔާދު ސައީދުގެ ޕެއާއިން ހޯދިއިރު، މިކްސް ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އަލީ ފަޔާޒް އާއި ދީނާ އަޙްމަދުގެ ޕެއާއިންނެވެ.