ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެ ނުވަތަ ބޭރުކުރަން އުޅުނު 9 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހިފަހައްޓާފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ވޭތުވެދިޔަ 4 އަހަރުދުވަހުގެ ތެރޭގައި ކަސްޓަމްސްއަށް ޑިކްލެެއަރނުކޮށް ރާއްޖެއަށް އެތެރެކޮށް ނުވަތަ ބޭރުކުރަން އުޅުނު ފައިސާގެ ތެރޭގައި އެންމެ ގިނައީ ދިވެހި ރުފިޔާއެވެ.
ކަސްޓަމްސްއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 2019 ވަނަ އަހަރު ދިވެހި ރުފިޔާއާއި ޔޫރޯއާއި ޔޫއެސް ޑޮލަރުވެސް ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެ ނުވަތަ ބޭރުކުރަން އުޅެނިކޮށް ހިފަހައްޓާފައިވެއެވެ. އެގޮތުން 2019 ވަނަ އަހަރު 3،411،129 ރުފިޔާ އަދި 2021 ވަނަ އަހަރު 1،148،278 ރުފިޔާ ކަސްޓަމްސްއިން ހިފަހައްޓާފައިވެއެވެ.
މީގެ އިތުރުން 2019 ވަނަ އަހަރު 5،415 ޔޫރޯ ކަސްޓަމްސްއިން ހިފެހެއްޓިއިރު އެއަހަރުގެ ތެރޭގައި 179،287 ޔޫސްއެސް ޑޮލަރު ހިފަހައްޓާފައިވެއެވެ. އަދި 2020 ވަނަ އަހަރު 139،700 ޑޮލަރު ހިފެހެއްޓި ކަމަށްވެސް ކަސްޓަމްސްއިން އާންމުކުރި ތަފާސްހިސާބުތަކުން ހާމަވެއެވެ.
ސަރުކާރަށް 4 އަހަރު؛ 2019 އިން ފެށިގެން 2022 ގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކަސްޓަމްސްއަށް ޑިކްލެެއަރނުކޮށް ރާއްޖެއަށް ފައިސާ އެތެރެ/ބޭރުކުރަން އުޅެނިކޮށް 9 މިލިއަން ރުފިޔާ އަށްވުރެ ގިނަ ފައިސާ ހިފަހައްޓާ، ޖުމްލަ 9 މައްސަލައެއް ތަހްޤީގްކޮށްފައިވޭ.@AbdullaSh4reef@MariyaDidi pic.twitter.com/300kJUZJYH
— Maldives Customs (@CustomsMv) November 17, 2022
މިއާއެކު ކަސްޓަމްސްއަށް ޑިކްލެެއަރނުކޮށް ރާއްޖެއަށް ފައިސާ އެތެރެ ނުވަތަ ބޭރުކުރަން އުޅެނިކޮށް 9 މިލިއަން ރުފިޔާ އަށްވުރެ ގިނަ ފައިސާ ހިފަހައްޓާ، ޖުމްލަ 9 މައްސަލައެއް ތަހްޤީގްކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ. އެގޮތުން 2019 ވަނަ އަހަރު 6 މައްސަލައެއް، 2020 ވަނަ އަހަރު 2 މައްސަލައެއް އަދި މިދިޔަ އަހަރު 1 މައްސަލަ ތަޙްޤީގުކޮށްފައިވާކަމަށް ކަސްޓަމްސްއިން ހާމަކުރައްވައެވެ.
ވޭތުވެދިޔަ 4 އަހަރުދުވަހުގެ ތެރޭގައި ކަސްޓަމްސްއިން ޑިކްލެއަރ ނުކޮށް ފައިސާ ރާއްޖެއިން ބޭރަށް ނުވަތަ ރާއްޖެއަށް އެތެރެކުރަން އުޅުނު މައްސަލާގައި ޖުމުލަ 8 މީހަކު ހިފެހެއްޓިއެވެ. އެއީ 3 ދިވެހިންނާއި ބަންގްލަދޭޝްއަށް ނިސްބަތްވާ 3 މީހަކާއި އިންޑިއާއަށް ނިސްބަތްވާ 2 މީހެކެވެ.
މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމާއި ބެހޭ ޤާނޫނު ބުނާގޮތުން 10،000 އެމެރިކާ ޑޮލަރު ނުވަތަ އެއަށްވުރެ މަތީ އަދަދެއްގެ އެމެރިކާ ޑޮލަރު ނުވަތަ އެ އަދަދަށްވާ ދިވެހި ރުފިޔާ ނުވަތަ ބޭރު ފައިސާ ރާއްޖެއަށް އެތެރެކޮށް ނުވަތަ ބޭރުކުރާނަމަ ކަސްޓަމްސްއަށް ޑިކްލެއަރކުރަން ޖެހެއެވެ.