ދަރިވަރުންނަށް ފޯރުކޮށްދޭ ތަޢުލީމްގެ ފެންވަރު ކަށަވަރުކުރުމަށްޓަކައި މަތީ ތަޢުލީމް ފޯރުކޮށްދޭ މަރުކަޒުތަކުގެ އޮޑިޓެއް ހަދަން ފަށައިފިއެވެ.
މޯލްޑިވްސް ކުއަލިފިކޭޝަން އޮތޯރިޓީން މަތީ ތަޢުލީމް ފޯރުކޮށްދޭ މަރުކަޒުތަކުގެ އޯޑިޓްއެއް ހަދަމުންދާކަން ފާހަގަކުރައްވާ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ހަސަން ވިދާޅުވީ ދަރިވަރުންނަށް ފޯރުކޮށްދޭ މަތީ ތަޢުލީމްގެ ފެންވަރު ކަށަވަރުކުރުމަކީ ދާއިރާގެ ހުރިހާ ފަރާތްތަކެއްގެ ޒިންމާއެއްކަމަށެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހީމް ހަސަން ވިދާޅުވީ ސަރުކާރުން ފޯރުކޮށްދެއްވަމުން އަންނަ މަތީ ތަޢުލީމްގެ ފުރުޞަތުތަކާއެކު މަތީ ތަޢުލީމަށް ކިޔަވާ ކުދިންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ. އަދި ރަނގަޅު ނަތީޖާއާއެކު ފާސްވެ ސަނަދު ހޯދަމުން އަންނަ ކުދިންގެ ނިސްބަތް އިތުރުވަމުން އަންނަކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެކުދިން ވަޒީފާތަކަށް ނުކުންނައިރު ކުއްޖާއަށް ލިބިފައިވާ ސަނަދަކީ ކިހިނެއްލިބިފައިވާ އެއްޗެއްކަން ވަޒީފާ ދޭ ފަރާތްތަކުން ބަލަމުން އަންނަކަމަށެވެ. އެހެންކަމުން މަތީ ތަޢުލީމްގެ ފުރުޞަތުތަކާއެކު ދަރިވަރުންނަށް ފޯރުކޮށްދޭ ތަޢުލީމްގެ ފެންވަރު ކަށަވަރުކުރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިކަން ކަށަވަރުކުރުމަށްޓަކައި މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެމްކިއުއޭއިން މިވަގުތު މަތީ ތަޢުލީމް ފޯރުކޮށްދޭ ތަންތަނުގެ އޮޑިޓްއެއް ހަދަމުން އަންނަކަމަށެވެ. މި އޮޑިޓްގެ ތެރޭގައި މިވަގުތު ރާއްޖޭގެ 2 ޔުނިވަރސިޓީއާއި 4 ކޮލެޖަކާއި 3 އިންސްޓިޓިއުޓް ހިމެނޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި އޮޑިޓްގެ ތެރޭގައި އެތަންތަނުން ތަޢުލީމް ފޯރުކޮށްދޭ ނިޒާމާއި އެ ނިޒާމްތަކަށް އަމަލުކުރަމުންދޭތޯ ބަލާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެ މަރުކަޒުން ޢިލްމީ ދިރާސާކުރާ މިންވަރާ ކިޔަވައިދޭ މުދައްރިސުންގެ ފެންވަރާއި ކުއަލިފިކޭޝަންވެސް ބަލާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"ބައެއް ތަންތަނުން ކުއްޖާ ބޭނުންވާ ތަޢުލީމާއި ފޯރުކޮށްދޭ ތަޢުލީމްގެ ވަރަށްބޮޑު ތަފާތެއް ހުރޭ. މި އޮޑިޓްގައި ހިންގުމުގެ އޮނިގަނޑާއި މަސައްކަތްތައް ބަލާނެ. އަދި ތަނުގެ ކަންކަން ރާވާ އިންތިޒާމްކޮށްފައި ހުރި މިންވަރާއި އުނގަންނައިދިނުމާއި އުނގެނޭމިންވަރު ބަލާނެ."މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހިމް ޙަސަން ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މަތީ ތަޢުލީމުގެ ޤާނޫނާއެކު މަތީ ތަޢުލީމުދޭ މަރުކަޒުތަނުން ފޯރުކޮށްދޭ ތަޢުލީމްގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް އެ މަރުކަޒުތަކުންވެސް ކުރަމުން އަންނަކަަމަށެވެ.
ރާއްޖޭގައި މަތީ ތަޢުލީމާ ތަމްރީންގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި މި ދާއިރާ ކުރިއެރުވުމަށްޓަކައި އަންނަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން އިހުނަށްވުރެ ގިނައިން މަތީ ތަޢުލީމްގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތުތަކާއި ލޯނު ނަގައިގެން ކިޔެވުމުގެ ފުރުޞަތުތައް ވަނީ އިތުރުކޮށްދެއްވާފައެވެ. އަދި ސްކޮލަރޝިޕްގެ ފުރުޞަތުތައްވެސް އަންނަނީ އިތުރުކޮށްދެއްވަމުންނެވެ. މަތީ ތަޢުލީމްގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަސައްކަތުގެ ދަށުން ސަރުކާރުން ވަނީ އަތޮޅުތަކަށްވެސް މި ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ.
ޚާއްސަގޮތެއްގައި އަތޮޅުތަކުގައި ފަންނީ މަސައްކަތްތައް ދަސްކޮށްދިނުމުގެ ކޯސްތައް ހިންގުމަށްޓަކައި ޓިވެޓް ސެންޓަރުތަކާއި ޕޮލިޓެކްނިކްތަކާއި ޖޫނިއަރ ކޮލެޖްތައް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަތޮޅުތަކަށް މި ފުރުޞަތުތައް ފުޅާވެގެން ދިއުމާއެކު މަތީ ތަޢުލީމް ވަށާޖެހޭނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.