ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ސެނެގާލް ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ސާޑިއޯ މާނޭއަށް މި ފަހަރުގެ މުބާރާތުގައި ނުކުޅެވޭނެކަން ޔަގީންވެއްޖެއެވެ.
މައުލޫމާތުލިބިފައިވާގޮތުގައި މާނޭ ވަނީ އޭނާގެ ކަކުލަށް ލިބިފައިވާ އަނިޔާ އާއި ގުޅިގެން އޮޕަރޭޝަނެއް ކޮށްފައެވެ.
ސެނެގާލްގެ ފުޓްބޯޅަ ފެޑެރޭޝަނުން މިދިޔަ އަންގާރަ ދުވަހު ހާމަކުރިގޮތުގައި މާނޭއަށް މިފަހަރުގެ ވާރލްޑް ކަޕްގެ ފުރަތަމަ މެޗްގައި ނުކުޅެވޭނެއެވެ. ނަމަވެސް ރޭގެ ވަގުތެއްގައި ހެދި އިތުރު އެމްއާރުއައި ސްކޭން އިން ދެއްކި ގޮތުގައި އޭނާގެ ކަކުލަށް ލިބިފައިވާ އަނިޔާ އާއި ގުޅިގެން އޮޕަރޭޝަނެއް ކުރަން ޖެހެއެވެ. މާނޭއަށް އަނިޔާވެފައިވަނީ މިމަހުގެ 8 ވަނަ ދުވަހު ޖަރުމަނު ބުންޑަސްލީގާގައި ބަޔޭން މިޔުނިކާއި ވަރޑަރ ބްރޭމަން ބައްދަލުކުރިމެޗްގައެވެ. އަދި ބަޔޭންއިން ރޭގެ ވަގުތެއްގައިވަނީ މާނޭގެ އޮޕަރޭޝަން ކާމިޔާބު ކަމާއެކު ކުރެވިފައިވާކަން ހާމަކޮށްފައެވެ. އަދި ރިހެބިލިޓޭޝަންގެ މަސައްކަތް ކުޑަދުވަސްކޮޅެއްގެ ތެރޭގައި މާނޭ މިޔުނިކްގައި ފަށާނެކަމަށް އެކްލަބުން ހާމަކުރެއެވެ. އެފްރިކާގެ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ދެފަހަރަށް ހާސިލްކޮށްފައިވާ މާނޭ ވަނީ މިފަހަރުގެ ވާރލްޑް ކަޕަށް ސެނެގާލް ކޮލިފައިކޮށްދިނުމުގައި މިހިންމު ދައުރެއް އަދާކޮށްފައެވެ.
ވާރލްޑް ކަޕްގެ ފުރަތަމަ މެޗްގައި ސެނެގާލް ވާދަކުރާނީ ނެދަލަންޑްސް އާއެވެ. ގްރޫޕް އޭ ގައި މިދެޓީމްގެ އިތުރުން ދެން ހިމެނެނީ މުބާރާތް ބާއްވާ ޤައުމު ޤަތަރާއި އެކުއެޑޯއެވެ.