ފީފާގެ ރައީސްކަމުގެ މަގާމަށް ތިންވަނަ ދައުރަކަށް ޖިއާނީ އިންފަންޓީނޯ ހޮވޭނެކަން ކަށަވަރުވެއްޖެއެވެ.
މީގެ އެންމެ ބޮޑު އެއްސަބަބަކަށް ވެފައިވަނީ އޭނާ އާއި ވާދަކުރާނެ އިތުރު ފަރާތެއް މިފަހަރު ކުރިމަތިލާފައިނުވުމުންނެވެ.
އެހެންކަމުން ފީފާގެ ރައީސް ކަމުގެ މަގާމަށް އިންފަންޓީނޯ އެންމެންގެ އިއްތިފާގުން ހޮވޭނެކަން މިހާރުވަނީ ކަށަވަރުވެފައެވެ. އުމުރުން 52 އަހަރުގެ ސްވިޓްޒަލަންޑަށް އުފަން އިޓަލީ ދަރިކޮޅުގެ އިންފަންޓީނޯ ފީފާގެ ރައީސް ކަމުގެ މަގާމާއި ހަވާލުވެފައިވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޭރުގެ ރައީސް ސެޕް ބްލެޓަރގެ ބަދަލުގައެވެ. އަދި 2019 ވަނަ އަހަރު އަލުންވަނީ އެމަގާމަށް ދެވަނަ ދައުރަކަށް އިންތިހާބް ކޮށްފައެވެ. ފީފާއިން ހާމަކުރިގޮތުގައި މިއަހަރުގެ މާރޗްމަހު ފީފާއިން އިންތިހާބަށް ހުޅުވާލުމާއެކު މެންބަރު އެސޯސިއޭޝަންތަކުން ހުށަހަޅާފައިވަނީ ހަމައެކަނި އިންފަންޓީނޯގެ ނަމެވެ. އަދި މިއަންނަ އަހަރުގެ މާރޗް މަހުގެ 16 ވަނަދުވަހު ރިވާންޑާގެ ވެރިރަށް ކިގާލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާގެ 73 ވަނަ ކޮންގްރެސްގައި އިންފަންޓީނޯ އެމަގާމަށް އަލުން އިންތިހާބް ކުރެވިގެންދާނެއެވެ.
ބްލެޓަރވަނީ ފީފާގެ ރައީސްކަން 17 އަހަރު ކޮށްފައެވެ.