އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅޭ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ދާދިފަހުން ދިން އިންޓަރވިއުއެއްގައި އެކްލަބަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވުމާއި ގުޅިގެން އެކަމާއި ގުޅޭގޮތުން އޭނާ އާއި މެދު އަޅާނެ ފިޔަވަޅަކާއި މެދު ގާނޫނީ ލަފާ އެކްލަބުން ހޯދަން ފަށައިިފިއެވެ.
ޔުނައިޓެޑުން ހާމަކުރިގޮތުގައި އެކްލަބްގެ ކޯޗް އެރިކް ޓެން ހާގަށް ރޮނާލްޑޯ ކިޔާފައިވާ ފާޑުކިޔުންތަކަށްފަހު އޭނާއަށް ޓެން ހާގްގެ ޓީމަށް ކުޅުމުގެ ފުރުސަތު ރޮނާލްޑޯއަށް މިހާރުވަނީ ގެއްލިގެން ގޮސްފައެވެ.
ޔުނައިޓެޑާއި އެކު ރޮނާލްޑޯ ހަދާފައިވާ އެއްބަސްވުން ހަމަވާން މިހާރު ބާކީ އޮތީ ހަތް މަސް ދުވަހެވެ. އަދި ޔުނައިޓެޑަށް ރޮނާލްޑޯގެ އެއްބަސްވުން އުވާލުމުގެ ފުރުސަތު އޮތް އިރު އެކަން ކޮށްފި ނަމަ ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފަރ މާކެޓްގައި ރޮނާލްޑޯ ބޭނުން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު އޭނާއަށް އޮންނާނެއެވެ. އަދި ވޯލްޑް ކަޕް ނިމި ސީޒަންގެ ކުޅުން އަލުން ފެށުމުގެ ކުރިން ޔުނައިޓެޑުން ބޭނުންވަނީ ރޮނާލްޑޯގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދާ މިކަމުން ސަލާމަތްވާށެވެ.
ޓޯކްޓީވީއަށް ދިން އިންޓަރވިއުއެއްގައި ރޮނާލްޑޯވަނީ ޔުނައިޓެޑުން އޭނާއަށް ކަންތައް ކޮށްފައިވަނީ އެންމެ ރަނގަޅަށް ނޫން ކަން ހާމަކޮށްފައެވެ. އަދި އޭނާ ޓީމުން ބޭރު ކޮށްލަން މަސައްކަތް ކުރަމުންދާކަމަށް ރޮނާލްޑޯވަނީ ތުހުމަތު ކޮށްފައެވެ. މީގެއިތުރުން ކްލަބްގެ ކޯޗް ޓެން ހާގް އަށް އޭނާގެ އިހްތިރާމް ލިބިގެން ނުވާކަމަށްވެސް ހާމަކޮށްފައިވެއެވެ.
ރޮނާލްޑޯ މިހާރު އަންނަނީ ކުރިއަށް އޮތް ވާރލްޑް ކަޕަށް ތައްޔާރު ވަމުންދާ ޕޯޗުގަލް ޓީމާއެކު ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ. މިފަހަރުގެ ސީޒަންގައި ރޮނާލްޑޯއަށް ޔުނައިޓެޑްގައި ހޭދަކުރިތަން ފެނިގެންދިޔައީ އެހާ ހިތްހަމަ ޖެހޭ ދުވަސްތަކެއް ނުނެވެ. މިގޮތުން ފުރަތަމަ އެގާރައިން މަދުން ޖާގަލިބޭ އިރު ދެތިން ފަހަރެއްގެމަތިން ކްލަބާއި ކޯޗާއި މައްސަލަ ޖެހި ފައިވެއެވެ.