ކުޅިވަރު

އޭޓީޕީ ފައިނަލްސް: މެޑްވެޑޭވް އަތުން ޖޮކޮވިޗަށް މޮޅެއް


އިޓަލީވިލާތުގެ ޓިއުރިންގައި މިހާރު ކުރިއަށްދާ އޭޓީޕީ ފައިނަލްސް ޓެނިސް މުބާރާތުގައި ސަރބިއާގެ ނޯވަކް ޖޯކޮވިޗް އާއި ރަޝިޔާގެ ޑަނީލް މެޑްވެޑޭވް ބައްދަލުކުރިމެޗް ޖޯކޮވިޗް ކާމިޔާބުކޮށްފިއެވެ.

ރެޑް ގްރޫޕްގެ އެއްވަނަ މަގާމް މިމެޗަށް ނުކިން އިރުވެސް ހޯދާފައިވާ ޖޯކޮވިޗް މިމެޗް ކާމިޔާބުކޮށްފައިވަނީ ދެސެޓް އެއްސެޓުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗް ތިން ގަޑިއިރާއި 11 މިނެޓަށް ކުރިއަށް ދިޔައެވެ. މިމެޗްގެ ފުރަތަމަ ސެޓް ޖޯކޮވިޗް ގެންދިޔައީ ހައެއް ތިނަކުންނެވެ. އަދި ދެވަނަ ސެޓް ޓައިބްރޭކަކަށް ގޮސްގެން ހައެއް ހަތަކުން ކާމިޔާބުކުރީ މެޑްވެޑޭވްއެވެ. އަދި ފަހު ސެޓްގައި ފަހެއް ހަތަރަކުން މެޑްވެޑޭވް ކުރި ހޯދާ މެޗަށް ސަރވް ކުރި ނަމަވެސް ޖޯކޮވިޗް ވަނީ އޭނާގެ ކުޅުން ރަނގަޅުކޮށް ފަހަތުން އަރާ ހައެއް ހަޔަކުން އެސެޓް ކާމިޔާބުކޮށް މިމެޗް ކާމިޔާބުކޮށްފައެވެ.

މިކާމިޔާބީއާއެކު ރެޑް ގްރޫޕްގެ އެއްވަނަ ކުޅުންތެރިޔާގެ ގޮތުގައި ޖޯކޮވިޗް މިވަނީ މިމުބާރާތުގެ ސެމިފައިނަލުން ޖާގަހޯދާފައެވެ. ސެމިފައިނަލްގައި ޖޯކޮވިޗް ބައްދަލުކުރާނީ ގްރޫޕްގެ ދެވަނަ ކުޅުންތެރިޔާ ކަމަށްވާ އެމެރިކާގެ ޓޭލަރ ފްރިޓްޒްއާއެވެ. މިމެޗުން ބަލިވުމުން މެޑްވެޑޭވް މިވަނީ ކުޅުނު ތިން މެޗުންވެސް ބަލިވެ މުބާރާތަށް އަލްވަދާއު ކިޔާފައެވެ. މިމުބާރާތުގެ ދެވަނަ ސެމީ ފައިނަލްގައި ވާދަކުރާނީ ރަޝިޔާގެ އަންޑްރޭ ރުބްލޭވް އާއި ނޯވޭގެ ކެސްޕަރ ރުޑްއެވެ.