ކުޅިވަރު

ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް: އީގަލްސް ބަލިކޮށް ޗެމްޕިއަންކަން ސިފައިންގެ ކުލަބަށް


މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި "ލިޓަސް ގައުމީ ބިލިއާޑް ޗެމްޕިއަންޝިޕް 2022" ގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދައިފިއެވެ.

މުބާރާތުގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން ސިފައިންގެ ކުލަބުން ހޯދީ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ކުލަބު އީގަލްސްއާއި ވާދަކޮށް 3-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

ފަސް މެޗު ކުޅުނު ފައިނަލުގެ ފުރަތަމަ މޭޒުގައި ކުޅުނު މެޗުގައި ބައްދަލުކުރީ ސިފައިންގެ ކުލަބުގެ ބިދޭސީ ކުޅުންތެރިޔާ ވަލަރިއާނޯ ޕަޖުއައި އާއި ކުލަބު އީގަލްސްގެ މުހައްމަދު ސާހިލް ހަމީދެވެ. ރޭސް ޓު ނައިން ފްރޭމަށް ކުޅުނު މެޗު 9-2 އިން ކާމިޔާބުކުރީ ސިފައިންގެ ކުލަބުގެ ވަލަރިއާނޯ ޕަޖުއައި އެވެ. ދެވަނަ މޭޒުގައި ސިފައިންގެ ކުލަބުގެ އަހުމަދު ޝިހާދުގެ މައްޗަށް ކުލަބު އީގަލްސްގެ މިގުއެލް ސެލްވިލާ ކުރިހޯދީ 9-2 އިންނެވެ.

ތިންވަނަ މޭޒުގައި ކުޅުނު މެޗު ސިފައިންގެ ޓީމުގެ ހުސެން ފަޔާޒް އަދި ހަސަން ޝަފްރާޒް ކާމިޔާބުކުރީ ކުލަބު އީގަލްސްގެ އިސްމާއިލް ސުވައިދު އަދި އަޙްމަދު އަފްރާހް އިސްމާއިލް އާއި ވާދަކޮށް 7-9 އިންނެވެ.

ހަތަރުވަނަ މޭޒުގައި ކުޅުނު މެޗު ކުލަބު އީގަލްސްގެ އަހުސަން ހާޝިމް އަދި އައްބާސް ސައީދުގެ ޕެއާ ކާމިޔާބުކުރީ ސިފައިންގެ ކުލަބުގެ އަބްދުﷲ އަފީފް އަދި ދުންޔާޒް މުޙައްމަދުގެ މައްޗަށް 9-4 އިންނެވެ. އަދި ފަސްވަނަ މޭޒުގައި ކުޅުނު މެޗު ސިފައިންގެ ކުލަބުގެ މުޙައްމަދު ޝަރީފް އަދި އަލީ ޝާވިން ކާމިޔާބުކުރީ 5-9 އިންނެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމެވެ. ނައިބު ރައީސް ވަނީ މުބާރާތުގެ އެކި އިވެންޓްތަކުގެ ޗެމްޕިއަން ކަން ހޯދާފައިވާ ޓީމުތަކާ ކުޅުންތެރިންނަށް އިނާމުދެއްވާފައެވެ.

މިމަހުގެ 3 އިން 18 ގެ ނިޔަލަށް ކުރިއަށްދިޔަ "ލިޓަސް ނޭޝަނަލް ބިލިއާޑް ޗެމްޕިއަންޝިޕް 2022"ގައި ހަ އިވެންޓެއް ވަނީ ބާއްވާފައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ޓީމު އިވެންޓާއި ފިރިހެން ފުރަތަމަ ޑިވިޝަނާއި ފިރިހެން ދެވަނަ ޑިވިޝަނާއި އަންހެން ޑިވިޝަނާއި ޑަބަލްސް އިވެންޓް އަދި މިކްސް ޑަބަލްސްއެވެ.