ދުނިޔޭގެ ވިޔަފާރި

ސިންގަޕޫރާއި ބަންގުލަދޭޝް ވިޔަފާރީގެ އެއްބަސްވުމަކަށް


ވިޔަފާރީގެ އެއްބަސްވުމެއް ކަމަށްވާ ޓްރޭޑް އެންޑް އިންވެސްޓްމަންޓް، އެމްސީޓިއައި ސިންގަޕޫރާއި ބަންގްލަދޭޝްއިން ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ސިންގަޕޫރުގެ ވިޔަފާރިއާއިބެހޭ މިނިސްޓްރީ މިވަގުތު ހިންމުމާއި ހަވާލުވެ ހުންނެވި އެސް އިސަވަރާން މި މަހުގެ 15 އިން 17 އަށް ބަންގްލަދޭޝް އަށް ކުރެއްވި ދަތުރުފުޅުގައެވެ.

މި ދަތުރުފުޅުގައި އިސްވާރަން ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާއާއި ބައްދަލުކުރައްވާފައެވެ. އެގޮތުން ސިންގަޕޫރާއި ބަންގްލަދޭޝްއާ ދެމެދު އޮންނަ ގާތް ގުޅުން ކަށަވަރުކޮށްދީ، ދެގައުމުގެ ދެމެދުގައި އޮތް އިގްތިޞާދީ ގުޅުން ފުޅާކުރެވޭނެ ގޮތްތަކާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މި އެއްބަސްވުމަކީވެސް ދެ ގައުމުގެ ދެމެދުގައި އޮތް އިގްތިޞާދީ ގުޅުން ފުޅާކުރުމަށް ވެވުނު އެއްބަސްވުމެއް ކަމުގައި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ބުނެއެވެ.

މި އެއްބަސްވުމުގެ ދަށުން އިއާދަކުރަނިވި ހަކަތައާއި ލޮޖިސްޓިކްސް، ޓްރޭޑް ފެސިލިޓޭޝަން އަދި ސްޓޭންޑަޑްސް ފަދަ ދާއިރާތަކުގައި ހުރި ފުރުސަތުތައް ދެނެގަތުމަށް ސީނިއާ އޮފިޝަލުންގެ ބައިލޭޓަރަލް ވޯކިން ގްރޫޕެއް އުފައްދާނެއެވެ.

ދެ ގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުވެފައި އޮންނަތާ 50 އަހަރު ފުރޭއިރު މި އެއްބަސްވުމަކީ ބަންގްލަދޭޝް އާއި ސިންގަޕޫރާ ދެމެދު އިގްތިސާދީ އެއްބާރުލުން ދިނުމުގައި މުހިންމު ރޯލެއް ކުޅޭނެ އެއްބަސްވުމެއް ކަމަށާއި ސިންގަޕޫރުގެ ކުންފުނިތަކަށް މާކެޓްތައް ފުޅާކުރުމަށް ލިބޭނެ ރަނގަޅު ފުރުސަތެއް ކަމަށް އިސްވާރަން ވިދާޅުވިއެވެ. މީގެއިތުރުން ބަންގްލަދޭޝް އަކީ 2011 އިން 2021 އާ ދެމެދު އެވްރެޖްކޮށް %6 އާއި %7 އާއި ދެމެދުގެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އިގްތިޞާދެއް ކަމަށާއި 2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ އެންމެ ބޮޑު 30 އިގްތިސާދުގެ ތެރޭގައި ބަންގްލަދޭޝްގެ އިގްތިޞާދު ހިމެނޭނެ ކަމަށް އިސްވަރާން ވިދާޅުވިއެވެ.

ބަންގްލަދޭޝްއަށް ކުރެއްވި މި ދަތުރުފުޅުގައި އިސްވާރަން ވަނީ ބަންގްލަދޭޝްގެ ޕްރައިވެޓް ސިނާއަތާއި އިންވެސްޓްމަންޓް އެޑްވައިޒަރު ސަލްމާން އެފް ރަހުމާނާއި، ބަންގްލަދޭޝްގެ އެހެން ސްޓޭޓް މިނިސްޓަރުންނާއި ވެސް ބައްދަލުކުރައްވާފައެވެ.