މާލޭގައި މިހާރު ކުރިއަށްދާ މޯލްޑިވްސް ޓެނިސް ޗެލެންޖް 2022 ގައި ރާއްޖެ އާއި މެލޭޝިއާ ބައްދަލުކުރި މެޗު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވާލައްވައިފިއެވެ.
ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ބައިނަލްއަގުވާމީ މި މުބާރާތް ކުރިއަށްދާނީ ޖުމްލަ ހަ ގައުމަކާއެކުއެވެ. އެގޮތުން މުބާރާތުގައި ބައިވެރިވާ ގައުމުތަކަކީ ރާއްޖޭގެ އިތުރުން ބަހްރެއިނާއި، އޮމާން އާއި، ތައިލެންޑާއި، މެލޭޝިއާ އަދި ސްރީ ލަންކާއެވެ.
މި މުބާރާތުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗު ރައީސް ބައްލަވައިލެއްވިއިރު، މި މެޗުގައި ބައްދަލުކޮށްފައިވަނީ ރާއްޖޭގެ ޒުވާން ޓެނިސް ތަރި ނަބާ ނިޝާން އާއި މެލޭޝިއާގެ ލީން ލިމްއެވެ. މި މެޗު ކާމިޔާބުކޮށްފައިވަނީ ރާއްޖޭގެ ނަބާއެވެ.
ހޯމަ ދުވަހުގެ ނިޔަލަށް މާލޭގައި ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭން އަރަމުން އަންނަ އުއްމީދީ ގިނަ ޓެނިސް ކުޅުންތެރިންތަކެއް ވާދަކުރެއެވެ. އަދި މުބާރާތުގައި ބައިވެރިވެފައިވާ ގައުމުތަކުގެ އުއްމީދީ ޓެނިސް ތަރިންތަކެއް މި މުބާރާތުން ފެނިގެންދެއެވެ.
މިއީ މާލޭގެ ޓެނިސް ކޯޓު ތަރައްގީކުރި ފަހުން ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ދެވަނަ ޓެނިސް މުބާރާތެވެ.