މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި އަހަރުގެ އެމްޓީސީސީ ދިވެހި ސާފް ލީގުގެ ޗެމްޕިއަންކަން އަޙްމަދު އާގިލް (އަންމަޑޭ) ހޯދައިފިއެވެ.
މި އަހަރުގެ ލީގުގެ ޗެމްޕިއަންކަން ކ. ތުލުސްދުއަށް އުފަން އަންމަޑޭ ހޯދީ ރޭންކިންގެ އެއްވަނައިގައި 3340 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ނިންމި ނަޖާހް މުޙައްމަދަށް 2940 ލިބުނުއިރު، ތިންވަނައަށް ދިޔަ ޖައިލަމް ނިޒާރަށް ލިބުނީ 2625 ޕޮއިންޓެވެ.
ދިވެހި ސާފް ލީގުގައި މި އަހަރު ފަސް މުބާރާތް ބޭއްވިއިރު، ގައުމީ ޗެމްޕިއަން އަންމަޑޭ ވަނީ މ. މުލީގައި ކުރިއަށްދިޔަ މުލީކޮޅު ރާޅުގަނޑާއި، ރ. ކިނޮޅަހުގައި ބޭއްވި ހުރާކޮޅު ރާޅުގަނޑުގެ ޗެމްޕިއަންކަން ހޯދާފައެވެ.
އެމްޓީސީސީ ދިވެހި ސާފް ލީގުގެ މި އަހަރުގެ ފަހު މުބާރާތް ކަމަށްވާ ރަންނަމާރި ޗެލެންޖް 1444 ގެ އޯޕަން ބައިގެ ސެމީ ފައިނަލުން އަންމަޑޭ ކެޓި ނަމަވެސް އޭނާ ވަނީ މުބާރާތުގެ ތިންވަނަ ހޯދާފައެވެ. މި މުބާރާތުގެ އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދީ މުޙައްމަދު އިރުޝާދެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލް ހީޓުގައި ހުސައިން އަރީފް (އިބޫ) ބަލިކުރުމަށްފަހުއެވެ.
މާލޭ ރާޅުގަނޑު ސަރަަހައްދުގައި ކުރިއަށްދިޔަ މި މުބާރާތުގެ ޓީމު އިވެންޓް ކަމަށްވާ "މަރުހަބާ ކަޕް" ގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ގދ. ގައްދޫ ބަލިކުރުމަށްފަހު ރ. ރަސްމާދޫ އިންނެވެ. އަދި އަންހެން އޯޕަން ޑިވިޝަން، ޝޯޓް ބޯޑް ކެޓަގަރީން ޗެމްޕިއަންކަން ހޯދައި އާޔާ ނަސީމް ވަނީ ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ.
މީގެ އިތުރުން މި މުބާރާތުގެ ލޯންގްބޯޑް ކެޓެގަރީގެ ޗެމްޕިއަންކަން ހުސައިން އަރީފް (އިބޫ) ހޯދިއިރު، ސްޓޭންޑަޕް ޕެޑްލްބޯޑިން (އެސްޔޫޕީ) އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އަބްދުﷲ އަރީފް (ފުކޫ) އެވެ. އަދި މާސްޓާސް ކެޓެގަރީގެ ޗެމްޕިއަންކަން ހޯދާފައިވަނީ އަޙްމަދު ރަޝީދެވެ.
މި އަހަރު ބޭއްވި ފަސް މުބާރާތާއެކު އެމްޓީސީސީ ދިވެހި ސާފް ލީގު ނިންމާލިއިރު، މި އަހަރު ބޭއްވި މުބާރާތްތަކަކީ ރަންނަމާރި ޗެލެންޖުގެ އިތުރުން ގދ. ގައްދޫގައި ބޭއްވި ކަޅެގަލެކޮޑާ އާއި، މ. މުލީގައި ކުރިއަށްދިޔަ މުލީކޮޅު ރާޅުގަނޑާއި، ރ. ކިނޮޅަހުގައި ބޭއްވި ހުރާކޮޅު ރާޅުގަނޑު އަދި ކ. ހިންމަފުށީގައި ކުރިއަށްދިޔަ ގާމާދޫކޮޅު ރާޅުގަނޑެވެ.