ޚަބަރު

ބަޖެޓަށް އިޞްލާހު ހުށައަޅަން މެންބަރުންނަށް ހުޅުވާލައިފި


އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅަފައިވާ ބަޖެޓު، ކޮމެޓީން ފާސްކުރުމަށްފަހު ބަޖެޓަށް އިސްލާޙު ހުށަހެޅުމަށް މެމްބަރުންނަށް ހުޅުވާލައިފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ 42.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް މަޖިލީހުން ދިރާސާކޮށްފައިވަނީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއާއި، އިޤްތިޞާދީ ކޮމެޓީ އެކުވެގެން އުފެއްދި ކޮމެޓީއަކުންނެވެ. ބަޖެޓް ދިރާސާ ކުރުމަށްޓަކައި މިނިވަން މުވައްސަސާތަކާއި، މާލީ އިދާރާތަކާއި ވަނީ ބައްދަލުކޮށް ބަޖެޓަށް ގެންނަން ޖެހޭ ބަދަލުތަކާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ކޮމެޓީން ބަޖެޓު ފާސްކޮށްފައިވަނީ ދިރާސާކުރުމުގައި ކުރެވުނު މަޝްވަރާތަކާއިއެކު 160 މިލިޔަން ރުފިޔާ އިތުރުކޮށް، 42.8 ބިިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ކޮމެޓީން ބަޖެޓު ފާސްކުރުމަށްފަހު މެމްބަރުންނަށް އިސްލާހު ހުށަހެޅުމަށް މިހާރު ވަނީ ހުޅުވާލާފައެވެ. މެމްބަރުންނަށް އިސްލާހު ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ދިނުމަށްފަހު އިސްލާހުތަކާއިއެކު މަޖިލީހުގެ ތަޅުމުގައި ބަޖެޓަށް ބަހުސް ފަށާނެއެވެ.

އެއަށްފަހު ތަޅުމަށް ބަޖެޓު ކޮމިޓީގެ ރިޕޯޓް ހުށަހެޅުމަށްފަހު ބަޖެޓާއިމެދު މެމްބަރުންނަށް ބަހުސް ކުރުމަށް 7 މިނިޓްގެ ވަގުތެއް ދިނުމަށް މަޖިލީހުގެ ރިޔާސަތުންވަނީ ނިންމާފައެވެ. އަދި ބަހުސްއަށްފަހު މަޖިލީހުން ބަޖެޓް ފާސް ކުރުމަށް އަމާޒު ހިފާފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

ކޮމެޓީން ބަޖެޓަށް ގެނެސްފައިވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި ބައެއް ދާއިރާތަކުގެ ތަރައްޤީގެ މަޝްރޫޢުތަކާއި، މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް ގެނައި ބަދަލު ހިމެނެއެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުންކަމަށެވެ. އަދި ޒަމާނުއްސުރެ ހައްލުނުވެ ހުރި އަސާސީ އެތައް މައްސަލައެއް ހައްލުކޮށް، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރާނެ ބަޖެޓަކަށްވާނެކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.