ކުޅިވަރު

އަނިޔާގެ ސަބަބުން ބެންޒެމާއަށްވެސް ވޯލްޑް ކަޕުގައި ނުކުޅެވޭނެ


ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާއަށްވެސް މި ފަހަރުގެ ފީފާ ވޯލްޑް ކަޕުގައި ނުކުޅެވޭނެކަމަށް ފްރާންސް ޓީމުން ބުނެފިއެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ބެންޒީމާއަށް ނުކުޅެވޭނެކަން ޔަގީންވީ އެންމެ ފަހުން ހެދި އެމްއާރްއައިގެ ނަތީޖާ ދެއްކި ގޮތުންނެވެ. ބެންޒެމާގެ އެމްއާރްއައި ރިޕޯޓްގައިވާ ގޮތުން އޭނާ އަށް ކުޅުމަށް އެންމެ އަވަހަަށް ވެސް އެނބުރި އާދެވޭނީ ތިން ހަފްތާއެއްހާ ދުވަސް ފަހުންނެވެ.

ބެންޒެމާގެ އަނިޔާއާ އެކު މި ފަހަރު ފްރާންސް ޓީމަށް ކުރިމަތިވި އަނިޔާގެ މައްސަލަ އިތުރަށް ގޯސްވީ އެވެ. އަނިޔާގެ ސަބަބުން ފްރާންސް ޓީމުގައި ނުހިމެނުނު ކުޅުންތެރިންނަށް ބަލާއިރު، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ފްރާންސް ޓީމުގެ މެދުތެރެ ބެލެހެއްޓި، އެންގޯލޯ ކާންޓޭ އާއި ޕައުލް ޕޮގްބާގެ އިތުރުން ޕީއެސްޖީގެ ޑިފެންޑަރު ޕްރެސްނެލް ކިމްޕެމްބޭ، އޭސީ މިލާންގެ ގޯލްކީޕަރު، މައިކް މައިންގްނޯން އަދި މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި އާރްބީ ލައިޕްޒިގަށް ކުޅޭ ވިންގް، ކްރިސްޓޮފާ އެންކުންކޫ ހިމެނެ އެވެ.

ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ކުޅުނު ބެންޒެމާ އަށް، މިދިޔަ އަހަރު ފްރާންސް ގައުމީ ޓީމުން އަލުން ޖާގަ ލިބުނީ ހަ އަހަރެއްހާ ދުވަސް ފަހުންނެވެ. ބެންޒެމާ އަލުން ފްރާންސް ޓީމަށް ކުޅުނު ފުރަތަމަ މުބާރާތަކީ މިދިޔަ އަހަރުގެ ޔޫރޯ އެވެ. ބެންޒެމާ ވަނީ މިދިޔަ އަހަރު ފްރާންސަށް ޔުއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްދޭން މޮޅު ކުޅުމެއް ދައްކައިފަ އެވެ.