ވޯލްޑް ކަޕުގެ ހޯސްޓް ގަތަރާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން ފަށާފައިވާ ކެމްޕޭނާ ހެދި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ކެތްތެރިކަން ކޮޅުންލައި، ހުޅަނގުގެ ގައުމުތަކަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ދޯހާގައި އިންފަންޓީނޯ ދެއްވި ޕްރެސް ކޮންފަރެންސް ގަޑިއިރަކަށް ދިގުދެމިގެންދިޔައިރު، ގަތަރު ދިފާއުކުރެއްވުމަށް އޭނާ ވަނީ އަމިއްލަ ހަޔާތްޕުޅުގައި ކުރެވުނު ތަޖުރިބާތަކެއް ވެސް ހިއްސާ ކުރައްވައިފަ އެވެ. ގަތަރާ ދެކޮޅަށް ފަށާފައިވާ ކެމްޕޭން އެންމެ ވަރުގަދަކޮށް ހިންގަނީ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގަ އެވެ.
މިއަދު ފަށާ ވޯލްޑް ކަޕްގެ ހޯސްޓް ގަތަރާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން ފަށާފައިވާ ކެމްޕޭންގައި އެންމެ ބޮޑަށް ދެކެވޭ ވާހަކައަކީ ވޯލްޑް ކަޕްގެ އެކި މަސައްކަތްތައް ކުރުމަށް ގަތަރަށް ގެނެސްފައިވާ ބިދޭސީ މަސައްކަތްތެރީންގެ ހައްގުތައް ރައްކާތެރި ނުކުރެވުމެވެ. މީގެ އިތުރުން، އެއް ޖިންސުން ގުޅުން ހިންގުން ޕްރޮމޯޓްކުރުމަށް ގަތަރުން ދެކޮޅު ހެދުމަކީ ވެސް ފާޑުކިއުންތައް އަމާޒުވި އެއް ކަމެވެ. އެކަމަކު، ވޯލްޑް ކަޕަށްޓަކައި، އިސްލާމީ އުސޫލުތައް ދޫކޮށްލައި އެއްވެސް ކަމެއް ކުރުމަކީ ގަތަރުން ބޭނުންވާ ގޮތެއް ނޫނެވެ.