އދ. މަހިބަދޫ ކައިންސިލުން އިންތިޒާމުކޮށްގެން ބާއްވާ މަހިބަދޫ ޒުވާނުންގެ 19 ވަނަ ފުޓުބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ސްޕޯޓިން އަޒިއޯން ބަލިކޮށް އެންޓީ ޔުނައިޓެޑުން ފައިނަލުގެ ފަހު ޖާގަ ހޯދައިފިއެވެ.
އެންޓީ އާއި އަޒިއޯން ވާދަކުރި ސެމީފައިނަލް މެޗު އެންޓީން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީވެސް އެންޓީންނެވެ. މި ލަނޑު މެޗުގެ 8ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލީ ނަސޫހު އެވެ. މި ލަނޑަށްފަހު އެންޓީން ލީޑުގައި ކުޅެމުން ދަނިކޮށް އަޒިއޯންނަށް މެޗުގައި ފުރަތަމަ ފަހަރަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މެޗުގެ 30 ވަނަ މިނެޓުގައި ހަމްޒާ މުޙައްމަދު އެވެ.
ނަމަވެސް އެންޓީން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. މިލަނޑުވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ އަލީ ނަސޫހުއެވެ. އަޒިއޯންއަށް މެޗުގައި ދެވަނަ ފަހަރަށް ނަތީޖާ ހަމަހަކޮށްދިނީ މެޗުގެ 61 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން އިބްރާޙިމް މަހުދީ ހުސައިންނެވެ.
މި ލަނޑަށްފަހު މެޗު އެއްވަރުވާން ދަނިކޮށް މެޗުން އެންޓީ މޮޅުކޮށްދިނީ ސައިދް ސައީދުއެވެ. މިލަނޑު އޭނާ ކާމިޔާބުކޮށްދިނީ މެޗުގެ 90 މިނެޓު ހަމަވެގެން ދިން އިތުރު ވަގުތުކޮޅުގެ ތެރޭގައެވެ. މެޗުން މޮޅުވެ އެންޓީން ފައިނަލަށް ދަތުރު ކުރިއިރު އެންޓީ ފައިނަލުގައި ވާދަކުރަން ޖެހޭނީ މުބާރާތުގެ ލީގު ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދައިގެން ފަނަލަށް ދަތުރުކުރި ޖިބިއްލީ ސްޕޯޓްސް ކުލަބާއި ދެކޮޅަށެވެ.
ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.