ޚަބަރު

ލަންކާއަށް ކަނޑައަޅުއްވާ އައު ސަފީރަކަށް ފާއިޒް


ދިވެހިރާއްޖެއިން ސްރީ ލަންކާއަށް ކަނޑައަޅުއްވާ ސަފީރު ކަމުގެ މަޤާމަށް މއ.މަނާގެ، ޢަލީ ފާއިޒު ހަމަޖެއްސެވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވައިފިއެވެ.

ލަންކާގެ ސަފީރުކަމުގެ މަޤާމަށް ފާއިޒު އައްޔަން ކުރައްވަން ފޮނުވާފައިވަނީ އެޤައުމުގެ ސަފީރުކަމުގެ މަޤާމުގައި ކުރިން ހުންނެވި އުމަރު އަބްދުއްރައްޒާގު ކިންގްޑަމް އޮފް ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް އައްޔަން ކުރެއވުމުންނެވެ.

ލަންކާގެ ސަފީރުކަމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ނަންފުޅު ފޮނުއްވި ފާއިޒަކީ ފުލުހުންގެ ޚިދުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް ބޯޑުގެ ރައީސެވެ. ފާއިޒަކީ މީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ޕްރޮޓޮކޯލްގެ މަޤާމާއި، މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ލަންކާގެ ސަފީރުކަމަށް އައްޔަން ކުރެއްވުމަށްޓަކައި ފާއިޒުގެ ނަން ދިރާސާ ކުރައްވާނީ ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމެޓީއަށެވެ.