އިނގިރޭސި އެފްއޭ އަންހެނުންގެ ސުޕަ ލީގުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ވެސްޓް ހޭމް ޔުނައިޓެޑް ތާވަލުގެ ހަވަނައަށް ޖެހިލައިފިއެވެ.
ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މި މެޗް އެޓީމް ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ލެސްޓާ ސިޓީންނެވެ. މިއާއެކުވެސް ވެސްޓް ހޭމްގެ ޑިފެންސް ފުއަޅުވާލެވޭގޮތެއް ނުވިއެވެ. މި މެޗްގައި ވެސްޓް ހޭމްއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 88 ވަނަ މިނެޓްގައި ޖަހާދިނީ އިޒީ އެޓްކިންސަންއެވެ.
މި ލަނޑުގެ ކުރިން މިފަހަރުގެ މުބާރާތުގައި ލެސްޓަރއަށް ފުރަތަމަ ޕޮއިންޓް ލިބިގެންދާނެކަމަށް ގިނަ ބަޔަކަށް ހީވެގެންދިޔައެވެ. މިމެޗްގައި އިތުރު ލަނޑެއް ފެނިގެން ނުދިޔަ ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ.
މި ކާމިޔާބީއާއެކު ވެސްޓް ހޭމް ވިމެން މިހާރު އުޅެނީ ކުޅުނު 8 މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު ތާވަލްގެ ހަވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ލެސްޓަރ ވިމެން އުޅެނީ ކުޅުނު އަށް މެޗުންވެސް ބަލިވެ ޕޮއިންޓެއް ނުލިބި ލީގު ތާވަލްގެ އެންމެ ފުލުގައެވެ.