އޭޓީޕީ ފައިނަލްސް ޓެނިސް މުބާރާތް ކާމިޔާބުކޮށް ރޮޖާ ފެޑެރާގެ ރިކޯޑަކާ ސާބިއާގެ ނޯވަކް ޖޮކޮވިޗް އަރާ ހަމަކޮށްފިއެވެ.
ސީޒަން ނިންމުމުގެ ގޮތުން ކޮންމެ އަހަރަކު ކުޅޭ މި މުބާރާތް ޖޯކޮވިޗް ކާމިޔާބުކުރީ ރޭ ކުޅުނު ފައިނަލް މެޗްގައި ނޯވޭގެ ކެސްޕަރ ރުޑް އާއި ބައްދަލުކޮށް ކާމިޔާބުކޮށްގެންނެވެ.
އިޓަލީވިލާތުގެ ޓިއުރިންގައި ކުރިއަށް ދިޔަ މިމުބާރާތުގެ ފައިނަލް މެޗް ޖޯކޮވިޗް ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. އެއީ ހަތެއް ފަހެއް އަދި ހައެއް ތިނަކުންނެވެ. މިއީ މިފަހަރުގެ ސީޒަން ގިނަ މައްސަލަތަކަކާ އެކު ފަށަން ޖެހުނު ޖޯކޮވިޗްއަށް ސީޒަން ކާމިޔާބީއަކާއެކު ނިންމާލަން ލިބުނު ފުރުސަތެކެވެ.
މި ސީޒަންގައި ޖޯކޮވިޗްއަށް ވަނީ ކޮރޯނާ ވައިރަހުގެ ވެކްސިން ޖަހާފައި ނުވުމުގެ ސަބަބުން ގްރޭން ސްލޭމް ދެ މުބާރާތް ގެއްލިގެން ގޮސްފައެވެ. އަދި މިއީ އޭޓީޕީ ފައިނަލްސް މުބާރާތެއް 2015 ވަނަ އަހަރަށް ފަހު ކާމިޔާބުކުރެވުނު ފުރަތަމަ ފަހަރެވެ. ނަމަވެސް މިކާމިޔާބީ އާއެކު އޭނާ މިވަނީ ސްވިޓްޒަލަންޑްގެ ރޮޖަރ ފެޑެރަރ އޭޓީޕީ ފައިނަލްސް މުބާރާތް ކާމިޔާބު ކުރުމުގައި ހަދާފައިވާ ރިކޯޑް ކަމަށްވާ ހަޔަކާއި އަރާ ހަމަކޮށްފައެވެ.
މި މުބާރާތް ކާމިޔާބު ކުރުމާއެކު ޖޯކޮވިޗްއަށް ވަނީ އިނާމްގެ ގޮތުގައި ހަތަރު މިލިއަން 740 ހާސް 300 އެމެރިކާ ޑޮލަރު ލިބިގެން ގޮސްފައެވެ.