ކެތޭ ޕެސިފިކް އެއަރވޭސްގެ މުވައްޒަފުންގެ މުސާރަ %3.3 އަށް އަންނަ އަހަރު އިތުރުކުރުމަށް ނިންމައިފި ކަމަށް ކުންފުނީގެ ސީއީއޯ، އޮގަސްޓަސް ޓޭންގް ވިދާޅުވެއްޖެއެވެ.
މުސާރައިގެ އިތުރުން ޕާފޯމަންސް ޓާގެޓްތައް ހާސިލްކުރާ މުވައްޒަފުންނަށް އެއްމަސް ދުވަހުގެ މުސާރައާ އެއްވަރުގެ ބޯނަސްތަކެއް ދޭނެ ކަމަށްވެސް ހޯމަ ދުވަހު ނެރުނު މެމޯއެއްގައި ސީއީއޯ ވަނީ ވިދާޅުވެފައެވެ.
ކޯވިޑުގެ ބަލިމަޑުކަމުގެ ދުވަސްވަރު ކުންފުނީގެ ވަޒީފާއިން ކަނޑާލި އަދަދަށް އަލުން މީހުން ބިނާކުރުމުގެ މަސައްކަތް ކުރަމުންދާތީ ކުރިއަށް އޮތް 18 މަހާއި 24 މަސް ދުވަހުގެ ތެރޭގައި 4،000 މުވައްޒަފުން ނެގުމަށް ރާވާފައިވާ ކަމަށް އެ އެއަރލައިނުން މީގެ ކުރިން ބުނެފައިވެއެވެ.
ކެތޭ އެއަރވޭސް އިން މިދިޔަ ހަފްތާގައި ބުނެފައިވަނީ އަންނަ އަހަރު ނިމޭއިރު ކޯވިޑުގެ ބަލިމަޑުކަމުގެ ކުރިން ހުރި ފަސިންޖަރުންގެ ކެޕޭސިޓީގެ %70އަށް ވާސިލްވާނެ ކަމަށް ލަފާކުރާ ކަމަށާއި ޕައިލެޓުން ތަމްރީނުކޮށް މަތިންދާބޯޓުތަކުގެ ދަތުރުތައް އަލުން ފެށުމުން މިއަހަރު ނިމޭއިރު ކެޕޭސިޓީ %33އަށް އަރާނެކަމަށެވެ.
ކެތޭގެ ބައެއް ޕައިލެޓުން ތަމްސީލުކުރާ ހޮންކޮންގް އެއަރކްރޫ އޮފިސަރސް އެސޯސިއޭޝަން، އެޗްކޭއޭއޯއޭ އިން ނެރުނު ބަޔާނެއްގައިވަނީ ބޯނަސް ފަދައިން މުސާރަ އިތުރުވުމަކީ މަރުހަބާ ކިޔާ ކަމެއްކަމަށެވެ. ނަމަވެސް ކްރޫއިން މަދުވުމާއި ތަމްރީންތަކުގެ ގޮންޖެހުންތައް އަދިވެސް އެބަހުރި ކަމަށް އެޗްކޭއޭއޯއޭ އިން ބުނެއެވެ. މީގެއިތުރުން އަންނަ އަހަރު ބައެއް ފްލައިޓްތައް އިތުރު ކުރުމަށް ނިންމާފައިވާއިރު، މިކަމުގެ ސަބަބުން ބައެއް ޕައިލެޓުންގެ މުސާރަ %9 އަށް ކުޑަވާނެ ކަމުގެ ކަންބޮޑުވުން ވެސް އެޗްކޭއޭއޯއޭ އިން ވަނީ ފާޅުކޮށްފައެވެ.
ކެތޭ އިން ބުނީ ބަލިމަޑުކަމާއި ގުޅުންހުރި ބައެއް ފިޔަވަޅުތައް މުރާޖައާކޮށްފައިވާ ކަމަށާއި އެ ފިޔަވަޅުތައް އަލުން އާންމު ހާލަތަށް ގެންނާނެކަމަށެވެ. ނަމަވެސް މުސާރަ ބޮޑުކުރުމުގެ އިތުރުން އުފެއްދުންތެރިކަމާ ގުޅުންހުރި މުސާރައާއި އެލަވަންސާއި، ކުޑަކުދިންގެ ތައުލީމީ އެލަވަންސްތަކަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ކެތޭ އިން ބުނެއެވެ.
ދަތުރުފަތުރާއި އެއާ ކާގޯގެ ޑިމާންޑް އިތުރުވުމުގެ ސަބަބުން އަހަރުގެ ފަހު ހަ މަސް ދުވަހުގެ ނަތީޖާ ރަނގަޅުވާނެ ކަމަށް ބެލެވުނު ނަމަވެސް މުޅި އަހަރަށް ބަލާއިރު އެއަރލައިނަށް "ބޮޑު" ގެއްލުމެއް ލިބޭނެ ކަމަށް ހުކުރު ދުވަހު އެ އެއަރލައިނުން ވަނީ ލަފާކޮށްފައެވެ.