ޚަބަރު

ލެބޯޓްރީ ސާމްޕަލްތައް އުފުލުމަށް 13 ސްޕީޑް ބޯޓު ގަންނަނީ


އަތޮޅުތަކުގައި ލެބޯޓްރީ ސާމަޕްތައް އުފުލުމަށާއި، އައުޓް ރީޗް ޕްރޮގްރާމްތަކުގެ ބޭނުމަށް 13 ސްޕީޑް ބޯޓު ގަތުމަށް ގަލްފް ކްރާފްޓް މޯލްޑިވްސްއާއެކު ހެލްތު މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ހެލްތު މިނިސްޓްރީއާއި ގަލްފް ކްރާފްޓް މޯލްޑިވްސްއާދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން މި 13 ސްޕީޑް ބޯޓު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައެވެ. މި 13 ސްޕީޑް ބޯޓު ގަތުމަށް ޖުމްލަ 31 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

މި އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލެވެ. އަދި ގަލްފް ކްރާފްޓް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޑަކްޝަން ޖެނެރަލް މެނޭޖަރ ކޯސްޓާސް އެލިއޯޕްލަސްއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ، މި ސްޕީޑް ބޯޓުތައް ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އަތޮޅުތެރޭގެ އެއް ރަށުން އަނެއް ރަށަށް ލެބޯޓްރީ ސާމްޕަލްތައް ގެންދިއުމަށާއި، މިނިސްޓްރީން ކުރިއަށްގެންދާ ތަފާތު އައުޓްރީޗް ޕްރޮގްރާމްތައް ހިންގުމަށް ކަމަށެވެ. އަދި އިމަރޖެންސީ ޙާލަތުގައި ބަލިމީހުން އުފުލުމަށް ކަމަށެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލް ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން މިވަގުތު ލެބޯޓްރީގެ ޚިދުމަތް ލިބެން ނެތް ރަށްރަށުންނާއި ބައެއް ޓެސްޓުތައް ނެހެދޭ ލެބޯޓްރީތަކުން ސާމްޕަލް އުފުލުމަށް އިތުރަށް ފަސޭހަވެގެންދާނެކަމަށެވެ. އަދި ރީޖަނަލް ހޮސްޕިޓަލް ނުވަތަ އަތޮޅު ހޮސްޕިޓަލް މެދުވެރިކޮަށް ސްޕެޝަލިސްޓުންގެ ޚިދުމަތާއި އެނޫންވެސް ޚިދުމަތްތަކާއެކު އައުޓް ރީޗް ޕްރޮގްރާމްތައް އަތޮޅުތަކުގައި ފުޅާކުރެވިގެންދާނެކަމަށްވެސް އާދިލް ވިދާޅުވިއެވެ.

"މި ލޯންޗުތަކަކީ 38 ފޫޓުގެ ދިގު ލޯންޗުތަކެއް. އަދި ގަލްފް ކްރާފްޓާއެކު މިވެވުނު އެއްބަސްވުމުގެ ތެރެއިން ގިނަވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި މި ލޯންޗުތައް ހެލްތު މިނިސްޓްރީއަށް ފޯރުކޮށްދޭންޖެހޭ. ގަލްފް ކްރާފްޓުން ޔަޤީންކަން އެބަދެއްވާ ލޯންޗުތައް ޙަވާލުކޮށްދެއްވާނެކަމަށް ކުރިއަށްއޮތް 5 މަސް ދުވަހުގެ ތެރޭގައި" އާދިލް ވިދާޅުވިއެވެ.

މި ސްޕީޑް ބޯޓުތައް ގަތުމުގެ މަސައްކަތް ކުރަނީ ވޯލްޑް ބޭންކާއި، އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކު، އޭ.އައި.އައި.ބީގެ އެހީގައި ކުރިއަށްގެންދާ މޯލްޑިވްސް ކޯވިޑް-19 އިމަރޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމްސް ޕްރެޕެއަރޑްނަސް ޕްރޮޖެކްޓުގެ ދަށުންކަމަށެވެ.

އަތޮޅުތަކުގެ ޞިއްޚީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، އެކަށީގެންވާ ވަޞީލަތްތައް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، 13 ސްޕީޑް ބޯޓު ހޯދުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ކުރަމުންދާއިރު، ކުދި ރަށްރަށުގައި ބޭނުންކުރުމަށް 25 ބަގީ އެމްބިއުލާންސް ގެނައުމަށް ޗައިނާގެ ކުންފުންޏަކަށް ހެލްތު މިނިސްޓްރީން ވަނީ އޯޑަރު ދީފައެވެ.