ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ބީގައި ފަހު ވަގުތު ޖެހި ދެ ލަނޑާއެކު ވޭލްސް ބަލިކޮށް އީރާނުން މުހިންމު މޮޅެއް ހޯދައިފިއެވެ.
ހުކުރު ދުވަހު ހަވީރު ކުޅުނު މި މެޗު އީރާނުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
މި މެޗަށް އީރާނުން ނުކުތްއިރު، ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން އީރާން ވަނީ ތަފާތު ބޮޑު ނަތީޖާއަކުން އިންގްލަންޑް އަތުން ބަލިވެފައެވެ. އެ މެޗު އިންގްލަންޑުން ކާމިޔާބުކުރީ 6-2 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން 16 ވަނަ މިނެޓުގައި އީރާންގެ އަލީ ގްލާޒާދޭ ލަނޑު ޖެހި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު އެއީ އޮފްސައިޑް ލަނޑެއް ކަމަށް ވަނީ ނިންމާފައެވެ.
މި މެޗުގެ ދެވަނަ ހާފުގައި ވޭލްސްގެ ޑޭވިސް ޖޭމްސް ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. އެކަމަކު ވޭލްސްގެ ހަމާލާތައް އީރާންގެ ކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މެޗުގައި ވޭލްސްއަށް މައްސަލަތަކާ ކުރިމަތިވީ މެޗުގެ 86 ވަނަ މިނެޓުގައި އެ ޓީމުގެ ކީޕަރު ވޭން ހެނެސީއަށް ރަތް ކާޑު ދެއްކުމުންނެވެ. މިއީ އީރާންގެ މެހްދީ ޓެރިމީއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އޭނާއަށް ދެއްކި ރަތްކާޑެކެވެ.
މި މެޗުގައި އީރާނުން ޖެހި ދެ ލަނޑުވެސް ޖެހީ މެޗުގެ އިތުރު ވަގުތުގައެވެ. އީރާނުގެ ފުރަތަމަ ލަނޑު ރުޒްބެހް ޗެޝްމީ ޖަހައިދިން އިރު އެ ޓީމުގެ ދެވަނަ ލަނޑު ޖެހީ ރަމީން ރެޒައިއަންއެވެ.
މި މޮޅާއެކު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެމެރިކާ ބަލިކޮށް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އީރާނަށް އެބައޮތެވެ. އަނެއްކޮޅުން މި ބައްޔާއެކު ވޭލްސްއަށް އަމިއްލަ ބާރު މިވަނީ ގެއްލިފައެވެ.