ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އޭގައި އެކުއެޑޯއިން ނެދަލަންޑްސް މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ.
ހުކުރު ދުވަހުގެރޭ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު ނެދަލަންޑްސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މެޗުގެ ހަވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ޖަހާދިނީ ކޯޑީ ގަކްޕޯއެވެ.
މި ލަނޑަށްފަހު ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ފުރަތަމަ ހާފު ނިމެން ދަނިކޮށް އެކުއެޑޯގެ ޕާވިސް އެސްޓޫޕިނަން ވަނީ ލަނޑު ޖަހާފައެވެ. އެކަމަކު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.
އެކުއެޑޯއިން ލީޑު ނެގީ މެޗުގެ ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ އެން ރަމްބާޓޯ ވެލެންސިއާއެވެ.
މި ނަތީޖާއާއެކު މި ގްރޫޕުން ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ގްރޫޕްގެ އެއްވަނައިގައި އޮތް ނެދަލަންޑްސް އަށާއި، ދެވަނައިގައި އޮތް އެކުއެޑޯއަށް އެބައޮތެވެ. އަދި ހުކުރު ދުވަހު ގަތަރާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ގްރޫޕުގެ ތިންވަނައިގައި އޮތް ސެނެގާލަށްވެސް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އެބައޮތެވެ. އެކަމަކު މި ނަތީޖާއާއެކު މި އަހަރުގެ ވޯލްޑް ކަޕުން ކެޓި ފުރަތަމަ ޓީމަކަށް މުބާރާތް ބާއްވާ ގައުމު ގަތަރު ވަނީ ވެފައެވެ.