ކުޅިވަރު

ޓީ20 ޕްރެޒިޑެންޓްސް ކަޕް: ފައިނަލަށް ސީބީއެލް އާއި މާލޭ ސްޕޯޓްސް


މައިލޯ ޓީ20 ޕްރިމިއާ ކްރިކެޓް ލީގުގެ އެންމެ މޮޅު ހަތަރު ޓީމުގެ މެދުގައި ކުޅެވޭ ޓީ20 ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި ސީބީއެލް އާއި މާލޭ ސްޕޯޓްސް ކުލަބު ބައްދަލުކުރަން ޖެހިއްޖެއެވެ.

ސެމީފައިނަލުގެ ފުރަތަމަ މެޗުގައި މިލާން ކްރިކެޓް އެކަޑަމީއާއި ބައްދަލުކޮށް ސީބީއެލް މެޗު ކާމިޔާބުކުރީ 62 ލަނޑުންއެވެ. އަދި ދެވަނަ ސެމީފައިނަލްގައި މާލޭ ވެޓްރަންސްއާއި ބައްދަލުކޮށް މާލޭ ސްޕޯރޓްސް ކްލަބް ކާމިޔާބުކުރީ 56 ލަނޑުންއެވެ.

ފުރަތަމަ މެޗްގެ ޓޮސް ދިމާވުމުން ސީބީއެލް ގަސްދުކުރީ ކުޅުމަށެވެ. ކުޅެންއަރާ 20 އޯވަރު ހަމަވިއިރު 8 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 151 ލަނޑުއެވެ. އެންމެ ރަގަޅަށް ކުޅުނީ 31 ލަނޑުހެދި މުއާވިއަތު އަބްދުލްޢަނީ އެވެ. މި އިނިންގްސްގައި އިބްރާހިމް ނަޝާތު އާއި އާދަމް ނާސިފް، މިއިން ކޮންމެ އުކުންތެރިއެއް 3 ވިކެޓު ނެގިއެވެ.

ޖަވާބުގައި މިލާން ކުޅެންއަރާ 18 ވަނަ އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 89 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 37 ލަނޑު ހެދި އާދަމް ނާސިފް އެވެ. މިއިނިންގްސްގައި އެންމެ ފާހަގަކޮށްލެވުނީ މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އިބްރާހިމް ރިޒާންގެ އުކުމެވެ. ރިޒާން ވަނީ 4 އޯވަރުގެތެރޭގައި 13 ލަނޑަށް 5 ވިކެޓްނަގާފައެވެ.

ދެވަނަ މެޗް ގުރުދިމާވުމުން މާލޭ ސްޕޯރޓްސް ކްލަބް ގަސްދުކުރީ ކުޅުމަށެވެ. އެ ޓީމު ކުޅެންއަރާ 20 އޯވަރު ހަމަވިއިރު 8 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 169 ލަނޑެވެ. މީގެތެރެއިން މުހަންމަދު ރިޝްވާން 51 ލަނޑު އަދި މަނޯޖް 55 ލަނޑު ހެދިއެވެ. ޖަވާބުގައި މާލޭ ވެޓްރަންސް ކުޅެންއަރާ 20 އޯވަރު ހަމަވިއިރު 8 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 113 ލަނޑެވެ. މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާލޭ ސްޕޯރޓްސް ކްލަބްގެ މަނޯޖު އެވެ.

މުބާރާތުގެ ފައިނަލް ފެށުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު ގައެވެ. މެޗް ނިމުމުން މޯލްޑިވްސް ޕްރިމިއަރ ލީގްގެ އެންމެ މޮޅު ކުޅުންތެރިންނަށް އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.