ކުޅިވަރު

ގައުމީ ޓީމުގެ ދަތުރުތަކުގައި ކުޅުންތެރިންގެ ދަރިންނަށް ބައިވެރިވެވޭ ގޮތް ހަދައިފި


ރާއްޖެއިން ބޭރުގައި ބާއްވާ ބައިނަލްއަގުވާމީ މުބާރާތްތަކާއި ތަމްރީނުތަކަށް ގައުމީ ޓީމުގެ ކުޅުންތެރިން ދަތުރުކުރާއިރު، އެ ކުޅުންތެރިންގެ ދަރިންނަށް ދަތުރުކުރެވޭ ގޮތް ހަދައިފިއެވެ.

މިކަން ހާމަކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ވަޒީރު ވިދާޅުވީ ކުޅުންތެރިން ވިހެއުމަށް ފަހު ކުޅުން ހުއްޓާލުމާއި އަދި ކުޅުމާއި ދުރަށް ދާން ވިސްނާތަން ފެންނަމުންދާ ކަމަށެވެ. އެހެން ނަމަވެސް ދެން އެފަދަ ކަންކަމަކާއި ކުރިމަތިލާން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން އެއް އަހަރު ނުވާ ދަރިއާއި ބެލެނިވެރިއެއް ރާއްޖޭން ބޭރުގެ ތަމްރީނުތަކާއި މުބާރާތްތަކަށް ފޮނުވޭނެ ކަމަށް ވިދާޅުވިއެވެ. އެގޮތުން ގައުމީ އަންހެން ވޮލީ ޓީމުގެ ކުޅުންތެރީން ބުރާސްފަތި ދުވަހު ތަމްރީނު ދަތުރަކަށް ސައުދީ އަރަބިއްޔާ އަށް ފުރިއިރު އެ ދަތުރުގައި އެއް އަހަރު ނުވާ ހަތަރު ކުދިން ގެންދިޔަކަމަށާއި މިއީ އުފާވެރި ތާރީހީ ދުވަހެއް ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

ވަޒީރު ވަނީ މީގެކުރިންވެސް ކުޅިވަރުތަކާއި ގުޅޭގޮތުން އުފެދިފައިވާ ގިނަ މައްސަލަތަކަށް ހައްލު ގެންނަން މަސައްކަތްކުރާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުޅިވަރުގައި ގެންގުޅެމުން އައި ޖިންސުގެ ތަފާތުކަމާއި އަދި ކުދި އަދި ބޮޑެތި ކުޅިވަރުތަކުގައި ކުރަމުންދާ ތަފާތުތައް ވެސް ނައްތާލައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގައުމީ ޓީމުތަކުން ސައުދީއަށް ތަމްރީނުތަކަށް ފުރީ 14 ދުވަހަށެވެ. މިއީ ކުރިއަށް އޮތް ސެންޓްރަލް ޒޯން މުބާރާތައް ތައްޔާރުވުމުގެ ގޮތުން ކުރާ ތަމްރީނު ދަތުރެކެވެ.

މި ދަތުރަކީ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އާއި ކުޅިވަރާ ބެހޭ ވުޒާރާއިން ކުރި މަސައްކަތުން ލިބުނު ދަތުރެކެވެ. މި ދަތުރުގައި ވޮލީ ޓީމު ކުޅުންތެރިންގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ އޮފިޝަލުން ބައިވެރިވެއެވެ.