ކުޅިވަރު

ޓިއުނީޝިއާ ބަލިކޮށް އޮސްޓްރޭލިއާއަށް 12 އަހަރުގެ ތެރޭގައި ފުރަތަމަ މޮޅު


ފީފާ ވޯލްޑް ކަޕް 2022 ގައި ޓިއުނީޝިއާ ބަލިކޮށް މި މުބާރާތުގައި މިދިޔަ 12 އަހަރުގެ ތެރޭ އޮސްޓްރޭލިއާއިން ފުރަތަމަ މޮޅު ހޯދައިފިއެވެ.

މި މެޗުގެ ކުރިން އޮސްޓްރޭލިއާއިން ވޯލްޑް ކަޕެއްގެ މެޗަކުން އެންމެ ފަހުން މޮޅުވެފައިވަނީ 2010 ވަނަ އަހަރު ކުޅުނު ވޯލްޑް ކަޕުގައި ސާބިއާ އަތުންނެވެ.

މިއަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުން އޮސްޓްރޭލިއާ ވަނީ 4-1 ގެ ނަތީޖާއަކުން ފްރާންސް އަތުން ބަލިވެފައެވެ.

ހޮނިހިރު ދުވަހު ގަތަރުގެ އަލް ޖަނޫބު ސްޓޭޑިއަމްގައި ކުޅުނު މެޗުން ޓިއުނީޝިއާގެ މައްޗަށް އޮސްޓްރޭލިއާ ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން 16 ވަނަ މިނެޓުގައި އޮސްޓްރޭލިއާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޓްޗެލް ޑިއުކްއެވެ.

މި މެޗުގައި ޓިއުނީޝިއާއަށްވެސް ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ. ޓިއުނީޝިއާގެ ހަމަލާތައް ހުއްޓުވުމުގައި އޮސްޓްރޭލިއާގެ ކީޕަރު މެޓް ރަޔާން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި މޮޅާއެކު ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އޮސްޓްރޭލިއާއަށް އެބައޮތެވެ.