ކުޅިވަރު

ސައުދީ ބަލިކޮށް ޕޯލަންޑުން ދެވަނަ ބުރުގެ އުންމީދު އާކޮށްފި


ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ބީގެ ދެވަނަ މެޗުގައި ސައުދީ އަރަބިއްޔާ ބަލިކޮށް ޕޯލަންޑުން ދެވަނަ ބުރަށް ދިޔުމުގެ އުންމީދު އާކޮށްފިއެވެ.

މި މުބާރާތުގައި ޕޯލަންޑުން ކުޅުނު ފުރަތަމަ މެޗުގައި މެކްސިކޯއާ ބައްދަލުކޮށް 0-0 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ. އަދި މި މުބާރާތުގެ ފުރަތަމަ މެޗުގައި ސައުދި އަރަބިއްޔާރިން ވަނީ ވަރުގަދަ އާޖެންޓީނާގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ.

މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާޓުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މެޗުގެ 39 ވަނަ މިނެޓުގައި ޕޯލަންޑުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ޕިއޮޓްރަ ޒިއެލިންސްކީއެވެ. މިއީ ޕޯލަންޑްގެ ތަރި ރޮބާޓް ލެވަންޑޯސްކީގެ އެހީތެރިކަމާއެކު ޒިއެލިންސްކީ ޖަހައިދިން ލަނޑެކެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން ސައުދީއަށް ނަތީޖާ ހަމަަހަމަ ކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ.

ސައުދީގެ ފޯވާޑް ސާލިޙް އަލް ޝެހްރީއަށް ޕޯލަންޑްގެ އޭރިއާގެ ތެރެއިން ކުރި ފައުލަކާއި ގުޅިން ލިބުނު ޕެނަލްޓީ ކެޕްޓަން ސާލިމް އަލް ދައުސާރީ ފޮނުވާލި ނަމަވެސް ޕޯލަންޑްގެ ކީޕަރު ވޮއިޒިނީ ޝެޒްނީ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި ރީބައުންސްއަށް ނުކުތްބޯޅަ ސައުދީގެ މުޙައްމަދު އަލް ބެރިކް ފޮނުވާލިއިރު، މި ހަމަލާގެ ހުރަހަކަށްވެސް ވީ ޝެޒްނީއެވެ.

ދެވަނަ ހާފުގައި ވެސް ސައުދީއަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއްލިބި ބޭކާރުވެފައެވެ. މީގެ އިތުރުން މި ހާފުގައި ޕޯލަންޑްގެ ލެވަންޑޯސްކީ ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ދަނޑިއަށްވެސް ވަނީ އަމާޒުވެފައެވެ.

އެކަމަކު މެޗުގެ 82 ވަނަ މިނެޓުގައި ލެވަންޑޯސްކީ ވަނީ ލަނޑު ޖަހާ ޕޯލަންޑަށް ލީޑު ފުޅާކޮށްދީފައެވެ.

ގްރޫޕްގެ ފަހު މެޗުގައި ޕޯލަންޑް ބައްދަލުކުރަން ޖެހޭނީ އާޖެންޓީނާއާއެވެ. އެ މެޗު ކާމިޔާބުކޮށް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ޕޯލަންޑަށް އެބައޮތެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި މެކްސިކޯ ބަލިކޮށް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ސައުދި އަރަބިއްޔާއަށްވެސް އެބައޮތެވެ.