ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި ޓީ20 ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން ސީބީއެލް ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ސީބީއެލް ހޯދީ ހޮނިހިރު ދުވަހު ކުޅުނު މުބާރާތުގެ ފައިނަލުގައި މާލޭ ސްޕޯޓްސް ކްލަބާއި ބައްދަލުކޮށް 17 ލަނޑުން މޮޅުވެގެންނެވެ.
މެޗުގެ ގުރު ދިމާވުމުން މާލޭ ސްޕޯރޓްސް ގަސްދުކުރީ ހޮވުމަށެވެ. އެހެންކަމުން ސީބީއެލް ކުޅެންއަރާ 20 އޯވަރު ހަމަވިއިރު 8 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 162 ލަނޑެވެ. އެންމެ ރަގަޅަށް ކުޅުނީ 33 ބޯޅައިން 55 ލަނޑުހެދި އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަކްސަތު ރެޑޭއާއި، 21 ބޯޅައިން 25 ލަނޑުހެދި ޓީމްގެ ކެޕްޓަން ހަސަން ހާޒިގެވެ. މި އިނިންގްސްގައި މާލޭ ސްޕޯޓްސް ކްލަބަށް ނީޝާމް 3 ވިކެޓް އަދި ސިރީމާލްއާއި ފާއިޒް ކޮންމެ އުކުންތެރިއެއް 2 ވިކެޓު ނެގިއެވެ.
ޖަވާބުގައި މާލޭ ސްޕޯޓްސް ކުޅެންއަރާ 20 އޯވަރުހަމަވިއިރު 8 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 145 ލަނޑުއެވެ. މި އިނިންގްސްގައި މުހަންމަދު ރިޝްވާން 42 ބޯޅައިން 66 ލަނޑު ހެދިއިރު، އިސްހާގް އީސާ 19 ބޯޅައިން 22 އަދި މުހަންމަދު ޝިޔާމް 12 ބޯޅައިން 20 ލަނޑު ހެދިއެވެ. މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާލޭ ސްޕޯޓްސް ކްލަބްގެ މުހަންމަދު ރިޝްވާނެވެ.
މެޗް ނިމުމުން މައިލޯ ޓީ20 ޕްރިމިއަރ ލީގުގެ ވަނަވަނައަށް އިނާމުދީފައިވެއެވެ. ލީގްގެ އެންމެ ގިނަ ވިކެޓް ނަގާފައިވާ ދެ އުކުންތެރިންނަށް ހޮވުނީ ސީބީއެލް ގެ އިބްރާހިމް ރިޒާން އާއި މިލާން ކްރިކެޓް އެކަޑަމީގެ ލީމް ޝަފީގެވެ. މިއިން ކޮންމެ އުކުންތެރިއެއް 14 ވިކެޓު ވަނީ ނަގާފައެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މާލޭ ވެޓްރަންސްގެ ރުވާން ތާރަކަ އެވެ. އަދި އެންމެ މޮޅު ހޮވުންތެރިއަކަށްވެސް ހޮވުނީ މާލޭ ވެޓްރަންސްގެ ދިލްސާން ފެނާންޑޯއެވެ.
އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވުނީ ކޮމެޓްސްގެ އަލީ ރާފިލްއެވެ އަދި މުޅި މުބާރާތުގެ ހުރިހާގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާލޭ ވެޓްރަނަސްގެ ރުވާން ތާރަކައެވެ. މި އިނާމްތަށް ކުޅުންތެރިންނާއި ހަވާލުކޮށްދެއްވީ މައިލޯ މޯލްޑިވްސްގެ ސީނިޔާރ ބިޒްނަސް ޑެވެލޮޕްމަންޓް މެނޭޖަރ ޗަމިންދަ ވިތާނާ އެވެ. އަދި މުބާރާތުގެ އޮފިޝަލުންއަށް ސެޓްފިކެޓް ދެއްވީ ކްރިކެޓް ބޯރޑްގެ ރައީސް މުހަންމަދު ފައިސަލްއެވެ.
ފައިނަލް މެޗްގެ އެންމެ މޮޅު ކުޅުންތެރިއާއި ދެވަނަ ޓީމަށް މެޑަލްއާއި އިނާމް ދެއްވީ މިނިސްޓަރ އޮފް ޔޫތް ސްޕޯރޓްސް ކޮމިއުނިޓީ އެމްޕަވަރމަންޓް އަލްފާޝިލް އަހުމަދު މަހުލޫފްއެވެ. މީގެއިތުރުން ޓީ20 ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަން ޓީމަށް މެޑަލްއާއި ތަށި ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާނު ރައީސުލްޖުމްހޫރިޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ޓީ20 ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ތައްޓާއި، ރަނަރަޕް ޓީމަށް އިނާމާއި މެޑަލް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހްމަދު މަހްލޫފެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ އާއެކު ފޮޓޯ ނެންގެވުމުގެ ފުރުސަތު ހަތަރު ޓީމުގެ ކެޕްޓަނުންނަށް ލިބިގެންދިޔަ އެވެ. ޓީ20 ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން ޓީމަށް އިނާމް، މެޑަލް އަދި ޓްރޮފީ ހަވާލުކޮއްދެއްވީ ރައީސުލްޖުމްހޫރިއްޔާ އެވެ.