ކުޅިވަރު

މެކްސިކޯ ބަލިކޮށް އާޖެންޓީނާއިން އުންމީދު އާކޮށްފި


ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް ސީގައި މެކްސިކޯ ބަލިކޮށް އާޖެންޓީނާއިން ދެވަނަ ބުރުގެ އުންމީދު އާކޮށްފިއެވެ.

މި ގްރޫޕުގައި އާޖެންޓީނާއިން ކުޅުނު ފުރަތަމަ މެޗުގައި ސައުދި އަރަބިއްޔާ އަތުން ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. އަދި ގްރޫޕްގެ ފުރަތަމަ މެޗުގައި މެކްސިކޯއިން ޕޯލަންޑާ ބައްދަލުކުރި މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުންނެވެ.

ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗު އާޖެންޓީނާއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން މެކްސިކޯއިން ކުރިއަށް ޖެހި އާޖެންޓީނާގެ ހާފަށް ބާރުބޮޑުކުރެވޭތޯ މަސައްކަތްކުރި ނަމަވެސް އެ ޓީމަށް މާކަ އެދެވޭ ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ. އެކަމަކު މެޗުގެ 34 ވަނަ މިނެޓުގައި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ފޮނުވާލި ނުރައްކާތެރި ހަމަލާ މެކްސިކޯގެ ކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން މެކްސިކޯގެ އެލެކްސިން ވެގާ ލިބުނު ހިލޭ ޖެހުމަކުން ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް، އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ ހުށިޔާރުކަމާއެކު އެ ހަމަލާ ދިފާއުކޮށްފައެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން އާޖެންޓީނާއިން ކުރިއަށް ޖެހި އެ ޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، މެޗުގެ 64 ވަނަ މިނެޓުގައި މެސީ ވަނީ ލަނޑު ޖަހާ އާޖެންޓީނާއަށް ލީޑު ނަގާދީފައެވެ. މިއީ ޑި މާރިއާގެ އެހީތެރިކަމާއެކު މެސީ ކާމިޔާބުކުރި ލަނޑެކެވެ.

މި ލަނޑަށްފަހުވެސް އާޖެންޓީނާއިން ވަނީ މެކްސިކޯގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 87 ވަނަ މިނެޓުގައި އާޖެންޓީނާއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި، އެންޒޯ ފެނާންޑޭޒްއެވެ.

މި ގްރޫޕްގެ އެއްވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދި ޕޯލަންޑްއެވެ. ދެވަނައިގައި އޮތް އާޖެންޓީނާއާ ތިންވަނައިގައި އޮތް ސައުދި އަރަބިއްޔާއަށް ދެ މެޗުން ތިން ޕޮއިންޓް ވަނީ ލިބިފައެވެ. އަދި ފުލުގައި މެކްސިކޯ އޮތީ ދެ މެޗުން ލިބުނު އެއް ޕޮއިންޓާއެކުގައެވެ.