ދުނިޔޭގެ ވިޔަފާރި

އިންޑިއާގައި ކާބޯތަކެތި ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް އެމެޒޯންއިން ހުއްޓާލަނީ


އިންޑިއާގައި ޓެސްޓް ކުރަމުން ދިޔަ ކާބޯތަކެތި ޑެލިވަރީކުރުމުގެ ހިދުމަތް ހުއްޓާލަން ނިންމާފައިވާކަމަށް އެމެރިކާގެ އީ ކޮމާސް ކުންފުނި އެމެޒޯންއިން އިއުލާންކޮށްފިއެވެ.

މިކަން އެމެޒޯންއިން އިއުލާނުކޮށްފައި ވަނީ އިންޑިއާގެ ހައި ސްކޫލް ދަރިވަރުންނަށް އޮންލައިން ލާނިން ޕްލެޓްފޯމް ބަންދުކުރިކަން އިއުލާންކުރިތާ އެއް ދުވަސް ފަހުންނެވެ.

ކުންފުނީގެ ތަރުޖަމާނު ރޮއިޓާސް ނޫހަށް ބުނިގޮތުގައި ކާބޯތަކެތި ޑެލިވަރީ ކުރުމުގެ ހިދުމަތް ހުއްޓާލަން ނިންމާފައި ވަނީ އަހަރީ އޮޕަރޭޓިން ޕްލޭނިން ރިވިއުކުރުމުގެ ތެރެއިންކަމަށެވެ. އަދި އެ ވިޔަފާރީގެ ކަސްޓަމަރުންނާއި ޕާޓްނަރުންނަށް ދަތި ނުވާނެ ހެން ހިދުމަތް ހުއްޓާލާނީ މަރުހަލާ ތަކަކަށް ބަހައިލައިގެން ކަމަށްވެސް ތަރުޖަމާނު ބުންޏެވެ.

މި ހިދުމަތް ދިނުން އަންނަ ޑިސެމްބަރު 29 އިން ފެށިގެން ހުއްޓާލާނެ ކަމަށް އިކޮނޮމިކް ޓައިމްސްއިން މީގެކުރިން ރިޕޯޓްކޮށްފައިވެއެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ތައާރަފްކުރި އިންޑިއާގެ އެމެޒޯން އެކެޑަމީ ޕްލެޓްފޯމް ބަންދުކުރަންވެސް ނިންމާފައިވާކަމަށް އެމެޒޯން އިން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބުނެފައެވެ. މި ޕްލެޓްފޯމް ބަންދުކުރަން އެމެޒޯން އިން ނިންމާފައި ވަނީ ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އޮންލައިން ތައުލީމުގެ ދާއިރާއިން ކުރިއެރުންތަކެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ.

މިޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އިންފްލޭޝަން މަތިވުމާއި އިންޓަރެސްޓް ރޭޓާއި އެނޫންވެސް އިގްތިސާދީ ގޮންޖެހުންތަކާއި ހެދި ވިޔަފާރިއާއި ޓެކްނޮލޮޖީގެ ދާއިރާތަކުން ގާތްގަނޑަކަށް 10000 މުވައްޒަފުން ވަޒީފާއިން ވަކި ކުރަންވެސް އެމެޒޯންއިން ވަނީ ނިންމާފައެވެ. އަދި ކުންފުނީގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ފައިދާ ނުވާ ވިޔަފާރި ޔުނިޓްތައް ރިވިއު ކުރަން އެމެޒޯންއިން ނިންމާފައިވާކަންވެސް މިދިޔަ މަހު ވަނީ އިއުލާނުކޮށްފައެވެ.

އެތައް މަސްތަކެއް ވަންދެން ރިވިއު ކުރުމަށްފަހު ފައިދާ ނުވާ ބިޒްނަސް ޔުނިޓްތަކުގައި ތިބި މުވައްޒަފުން ކުންފުނީގެ އެހެން ޔުނިޓްތަކުން ވަޒީފާ ހޯދަން އެމެޒޯން އިން ވަނީ އަންގާފައެވެ. މީގެއިތުރުން ވަކި ޓީމުތަކުގެ މުވައްޒަފުން އިތުރަށް ފައިދާވާ ޔުނިޓްތަކަށް ބަދަލުކޮށް، ރޮބޮޓިކްސް އާއި ރީޓެއިލް ފަދަ ޔުނިޓްތައް ބަންދު ކުރަން ވެސް އެމެޒޯން އިން ވަނީ ނިންމާފައެވެ.