ކުޅިވަރު

ޖަޕާން ބަލިކޮށް ކޮސްޓަ ރީކާއަށް އުންމީދެއް


ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 ގައި ޖަޕާން ބަލިކޮށް ކޮސްޓަ ރީކާއިން ދެވަނަ ބުރަށް ދިޔުމުގެ އުންމީދު އާކޮށްފިއެވެ.

މި މެޗުން ޖަޕާން މޮޅުވިނަމަ އެ ޓީމަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވާނެއެވެ. އެއީ ޖަޕާނުން ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ޖަރުމަނު އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެފައި އޮތުމުންނެވެ.

މި މެޗަށް ކޮސްޓަރީކާއިން ކުރިމަތިލިއިރު، އެ ޓީމު ވަނީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން ސްޕެއިން އަތުން 7-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.

މުޅި މެޗުގައިވެސް ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ ޓީމަކަށް ގޯލާ އަމާޒުކޮށް ހަމަލާއެއް އުފެއްދިފައެއްނުވެއެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ޖަޕާނުން ކުރިއަށް ޖެހި ކޮސްޓަ ރީކާ ހާފަށް ބާރުބޮޑުކުރިއެވެ. އެގޮތުން މި ހާފުގައި ޖަޕާނުގެ ޓަކުމާ އަސޯނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ކޮސްޓަ ރީކާގެ ތަޖުރިބާކާރު ކީޕަރު ކޭލާ ނަވާސްއެވެ. އޭގެ ފަހުން ޖަޕާނުގެ ހިޑެމާސާ މޮރިޓާއަށްވެސް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބި ބޭކާރުވެފައެވެ.

މި މެޗުގައި ކޮސްޓަ ރީކާއިން ވަނީ އެ ޓީމުން ގޯލާ އަމާޒުކޮށް ފޮނުވާލި ހަމައެކަނި ހަމަލާއިން ލަނޑު ޖަހާފައެވެ. މެޗުގެ 81 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ޖަހާދިނީ ކޭޝާ ފުލާއެވެ.

މި ނަތީޖާއާއެކު ކޮސްޓަ ރީކާއަށް ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖަރުމަނު ބަލިކޮށް ދެވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު އެބައޮތެވެ.