ކުޅިވަރު

ބެލްޖިއަމް ބަލިކޮށް މޮރޮކޯ ދެވަނަ ބުރާ ގާތަށް


ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެފްގައި ބެލްޖިއަމް ބަލިކޮށް މޮރޮކޯއިން ދެވަނަ ބުރާ ގާތަށް ޖެހިލައިފިއެވެ.

މި މުބާރާތުގެ ފުރަތަމަ މެޗުގައި މޮރޮކޯއިން ވަނީ 0-0 ގެ ނަތީޖާއަކުން ކްރޮއޭޝިއާ އާއި އެއްވަރުކޮށްފައެވެ. އަނެއްކޮޅުން ބެލްޖިއަމުން ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި ކެނެޑާ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މި މެޗު މޮރޮކޯއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ބެލްޖިއަމްގެ މިޝީ ބައްޓްޝުއާއީއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭގެ ފަހުން ޓޯގަން ހަޒާޑް ވެސް ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެކަމަކު އެ ހަމަލާގެ ހުރަހަކަށްވީ މޮރޮކޯގެ ކީޕަރު މުޙައްމަދީއެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މޮރޮކޯގެ ހަކީމް ޒިޔެޝް ފޮނުވާލި ހިލޭ ޖެހުން ގޯލަށް ވަން ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު ރެފުރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

މި މެޗުގެ ދެވަނަ ހާފުގައި މޮރޮކޯއިން އެ ޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، މެޗުގައި މޮރޮކޯއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި އެ ޓީމަށް ޖަހާދިނީ ހާމިދު ސަބީރީއެވެ. މިއީ ލިބުނު ހިލޭ ޖެހުމަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މި ލަނޑާއެކު ބެލްޖިއަމުން ކުރިއަށްޖެހި މޮރޮކޯގެ ހާފަށް ބާރުބޮޑުކޮށްފައިވެއެވެ. އެކަމަކު ލިބުނު ކައުންޓަ އެޓޭކެއްގައި މޮރޮކޯއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. ޒިޔެޝްގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ޖަހާދިނީ ޒަކަރިޔާ އަބޫޚްލާލްއެވެ.

މި މޮޅައާއެކު މޮރޮކޯއަށް ހަތަރު ޕޮއިންޓް ލިބުނުއިރު، ގްރޫޕުގެ ފަހު މެޗުގައި ކެނެޑާ ބަލިކޮށް ދެވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުސަތު މޮރޮކޯއަށް އެބައޮތެވެ.