ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 ގައި ކެނެޑާ އަތުން ބޮޑު މޮޅެއް ހޯދައި ކްރޮއޭޝިއާއިން ދެވަނަ ބުރަށް ދިޔުމުގެ އުންމީދު އާކޮށްފިއެވެ.
އާދީއްތަ ދުވަހުގެރޭ ކުޅުނު މި މެޗު ކްރޮއޭޝިއާއިން ކާމިޔާބުކުރީ 4-1 ގެ ނަތީޖާއަކުންނެވެ.
މި މެޗަށް ނުކުތްއިރު، މުބާރާތުގައި ކްރޮއޭޝިއާއިން ކުޅުނު ފުރަތަމަ މެޗުގައި މޮރޮކޯ އަތުން އެއްވަރުވީ 0-0 ގެ ނަތީޖާއަކުންނެވެ. އަނެއްކޮޅުން ކެނެޑާ ވަނީ ފުރަތަމަ މެޗުގައި ބެލްޖިއަމް އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އެހެންކަމުން މި މެޗުން ބަލިވެ، ކެނެޑާ ވަނީ މުބާރާތުން ކަޓައިފައެވެ.
މިރޭގެ މެޗު ފަށައިގެން ދެވަނަ މިނެޓުގައި ކެނެޑާ އިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ އަލްފާނޯ ޑޭވިސްއެވެ. މިއީ ކެނެޑާއިން ވޯލްޑް ކަޕުގެ ތާރީޚުގައި ޖެހި ފުރަތަމަ ލަނޑުވެސްމެއެވެ.
އެކަމަކު މެޗުގެ 36 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ އަންޑްރީ ކްރަމަރިޗް ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އަދި އޭގެ އަށް މިނެޓު ފަހުން ކްރޮއޭޝިއާގެ މާކޯ ލިވިއާ ވަނީ އިތުރު ލަނޑެއް ޖަހާ އެ ޓީމަށް ލީޑު ނަގާދީފައެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް ކްރޮއޭޝިއާއިން ވަނީ ކެނެޑާގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 70 ވަނަ މިނެޓުގައި ކްރަމަރިޗް ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ.
ކްރޮއޭޝިއާއިން ކާމިޔާބުކުރި ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ލޯވިއަރޯ މޭޖާއެވެ.
މި މޮޅާއެކު ކްރޮއޭޝިއާއިން ގްރޫޕް އެފްގެ އެއްވަނައަށް ޖެހެލީ ކުޅުނު ތިން މެޗުން ހޯދި ހަތަރު ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް މޮރޮކޯއަށްވެސް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ކްރޮއޭޝިއާއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. މި ގްރޫޕްގެ ފޭވަރިޓުން ކަމުގައި ގިނަ ބަޔަކު ދެކުނު ބެލްޖިއަމް އޮތީ ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތިންވަނައިގައެވެ. މި ތިން ޓީމަށްވެސް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އެބައޮތެވެ.